ރ. އިނގުރައިދޫ މަގު ހެދުމުގެ މަސައްކަތް ކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އިނގުރައިދޫ މަގުހެދުމުގެ މަސައްކަތް މަސައްކަތަކީ 56 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 600 ދުވަހުގެ ތެރޭ ނިންމުމަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

އިނގުރައިދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން 1.9 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުން އަދި މަގުތަކުގައި މަގުބައްތިޖެހުން ހިމެނެއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖާ ހަސަން ސައީދުއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެ ފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ގާއިމު ކުރުމަށް އުފެއްދި ކުންފުންޏެކެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެ ފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓުމަކީ އަސާސީ ހިދުމަތަކަށް ވާތީ މިފަދަ ކުންފުންޏެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުގެ ދަށުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 2019 ވަނަ އަހަރުގެ ޖޫން މަހުއެވެ. އަދި ކުންފުނި އެކުލަވާލާ ކުންފުނީގެ މަސައްކަތް ރަނގަޅަށް ހިނގައިގަންނަށް ފެށީ 2020 ވަނަ އަހަރުއެވެ.

ކުންފުންޏާ އެންމެ ފުރަތަމަ ހަވާލުކުރި ސަރުކާރުގެ ބޮޑު މަޝްރޫޢުއަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުއެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސްފަހުން ކުރިމަތިވީ، ކޮވިޑްގެ އާލަމީ ވަބާއެވެ. މިއާއެކު ޅަފަތުގައިވާ އާރްޑީސީ ހިނގައިގަތުމަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިވިއެވެ.