ލ. މާބައިދޫ އިންޖީނުގޭގެއާއި އޮފީސް އިމާރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ސޯލިހު އެ އިމާރާތް ހުޅުއްވައިދެއްވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ. އަތޮޅަށް ކުރައްވި ދަތުރުފުޅުގައި މާބައިދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ފެނަކައިން ބުނީ މާބައިދޫގައި ކުރިން ބޭނުންކުރި އިންޖީނުގޭގެ އޮފީސް އިމާރާތަށް 38 އަހަރު ވެފައިވާ ކަމަށާއި މީގެ ކުރިން އިންޖީނުގޭގެ އޮފީހުގައި 5 މުވައްޒަފުން މަސައްކަތް ކުރި ނަމަވެސް މިހާރު 30 މުވައްޒަފުން މި އޮފީސް އިމާރާތުގައި މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ، ކުރީގެ އިންޖީނުގޭގެ އިމަރާތުގައި 2264 އަކަފޫޓު ހުރިއިރު މިހާރު ހެދި އިމާރާތުގައި 4180 އަކަ ފޫޓު ހުންނާނެ ކަމަށެވެ. އަދި ކުރީގެ އޮފީސް އިމަރާތުގައި 768 އަކަފޫޓު ހުރިއިރު މިހާރު ހެދި އިމާރާތުގައި 1617 އަކަ ފޫޓު ހުންނާނެ ކަމަށެވެ.

ކުރިން ހުރި އިންޖީނުގޭގައި ޑެގް ރޫމް، ކޮންޓްރޯލް ރޫމް، ޑީސަލް ސްޓޮރޭޖްހުރި ނަމަވެސް މިހާރު ސްޓޯ، ވޯކްޝޮޕް، އިންޖީން ރޫމް، ކޮންޓްރޯލް ރޫމް،ފާހާނާ، ޕޭންޓްރީ ފިއުލް ޓޭންކު، ޗިމްނީ ހުންނާނެ ކަމަށް ފެނަކައިން ބުނެއެވެ.

ކުރިން ހުރި އޮފީސް އިމާރާތުގައި ސްޓާފް ރޫމެއް އެކަނިހުރި ނަމަވެސް މިހާރު ރިސެޕްޝަން، ލޮބީ، މެނޭޖާ ރޫމް، ޕޭންޓްރީ، ފާހާނާ، މީޓިން ރޫމް، ގެސްޓްރޫމް އަދި ސްޓޯ ހުންނާނެ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީމާބައިދޫ އިންޖީނުގޭގައި 980 ކިލޯވޮޓްގެ ޖެންސެޓް ހުންނަ ކަމަށެވެ.