މޫސުން ގޯސްވުމުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކަށް ތަކެތި މިއަދު ނުފޮނުވުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އުތުރުގެ އަތޮޅުތަކަށް މިއަދު ފޮނުވަން ނިންމާފައިވާ، ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ތަކެތި، މޫސުން ގޯސްވުމުގެ ސަބަބުން، ފަތިހު ފޮނުވޭ ގޮތް ނުވި ކަމަށެވެ. އަދި ލޯންޗުތަކަށް ބަރުކުރި ހުރިހާ ސާމާނެއް އަނބުރާ އީސީ އަށް މިހާރު ގެންގޮސްފައިވާ ކަމަށް ވެސް އީސީން ބުނެއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗެކްކޮށް ޕެކްކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނިމި އަތޮޅުތަކަށް ސެކިއުރިޓީ ސާމާނު ޑިސްޕެޗް ކުރުމުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ހަބީބު އިއްޔެ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން އަތޮޅުތަކަށް ފޮނުވާ ސެކިއުރިޓީ ސާމާނުތައް ފޮނުވަން އީސީގެ މުވައްޒަފުން މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރި ކަމާއެކުގައި ކަމަށް ހަބީބް ވިދާޅުވިއެވެ.
އަދި މިހާރު ޑިސްޕެޗް ކުރެވޭ ތަކެތި ހަވާލު ކުރާނީ ސިޓީ ނުވަތަ އަތޮޅު ކައުންސިލުގެ އިދާރާއަށް ކަމަށާއި ރަށްރަށުގެ ކައުންސިލް ތަކަށް ފޮނުވާ ތަކެތި ޑިސްޕެޗްގެ މަސައްކަތްތައް ކުރިއަށް ދާނީ، އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ކަމަށް ހަބީބް ވިދާޅުވިއެވެ.
ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ހުރިހާ ތަކެއްޗެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް، ދިވެހި ފުލުހުންގެ ހިދުމަތާއި، އިލެކްޝަންސް ކޮމިޝަނާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. އަދި އެކަން އެގޮތުގެ މަތިން ކުރިޔަށްދާ ކަމަށް ހަބީބް ފާހަގަ ކުރެއްވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވާއިރު އީސީ އިން ބުނީ މި އަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ. މި އަހަރު ބާއްވާ އިންތިހާބުގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ އިރު އޭގެ ތެރޭގައި މާލޭ ސަރަހައްދުގައި 187 ފޮށްޓަކާއި، އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާ 397 ފޮށްޓެއް ހިމެނެއެވެ. އަދި ރާއްޖެއިން ބޭރުގެ 7 ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވާއިރު 60 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ރިޔާސީ އިންތިހާބު ބޭއްވެވުމަށް ނިންމަވާފައި ވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބޭއްވުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު 30 ގައެވެ.