ސިންގަޕޫރުން ބޭސް ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަރުވާގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހިސާބަށް އިތުރުކޮށްފައިވާ ކަމަށް ކަރެކްޝަން ސާވިސް އިން ބުނެފިއެވެ.

ނުރައްކާތެރި ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށް ވިދާޅުވެ އަދީބު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. ސަރުކާރުން އަދީބަށް އޭރު ދިނީ 10 ދުވަހުގެ މުއްދަތެކެވެ. ފަރުވާގެ މުއްދަތު އިތުރުކޮށްދެއްވުމަށް އަދީބު އެދިވަޑައިގަތުމާ ގުޅިގެން ކަރެކްޝަންސް އިން މުއްދަތު އިތުރުކުރިއިރު އެ މުއްދަތު އިއްޔެ ވަނީ ހަމަވެފައެވެ.

ކަރެކްޝަންސްއިން މިއަދު ބުނީ، ބޭސްފަރުވާ އަށް ދިން މުއްދަތު އަންނަ މަހުގެ 15އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ހެދެން ނެތް ޓެސްޓުތަކެއް ހަދަން އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަން ސާވިސް އަދި ދިވެހި ފުލުހުންގެ ސެކިއުރިޓީގެ ބެލުމުގެ ދަށުންނެވެ.

އަދީބު ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން މީގެ ކުރިން ބުނެފައި ވަނީ އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ އެކި ހޮސްޕިޓަލުގެ އެތައް ޑޮކްޓަރުންނެއްގެ ލަފާގެ މަތިން ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.

މީގެ އިތުރުން އެ ޕާޓީން ބުނެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އަދީބަށް ނުހައްގުން އަނިޔާ ދީ ބޭސްފަރުވާއިން މަހުރޫމު ކޮށްފައިވީ ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީ ފައިވާ ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް އެމީހެއްގެ ސިޔާސީ ފިކުރަށް ބެލުމެއްނެތި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމަކީ އަސާސީ ހައްގެއް ކަމަށް އެމްޓީޑީ އިން ވަނީ ފާހަގަ ކޮށްފައެވެ.

އަދީބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ކުށް ސާބިތުވެފައި ވާ ބޭފުޅެކެވެ. އޭނާގެ މައްޗަށް އުފުލި ހަތް ދައުވާއަށް އިއުތިރާފު ވުމުން އެ މައްސަލައިގައި 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ 20 އަހަރަށް ޖަލަށް ލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.