މާލެއިން ބަންޑާރަ ގޯތި ދޫކުރުމަށް މި ސަރުކާރުން ފެއްޓި ބިންވެރިޔާ ސްކީމްގައި ބައިވެރިވެ ގޯތި ޔަގީން ވި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އިއްޔެ އަކީ ވަރަށް ހާއްސަ ދުވަހެކެވެ. އެ ސްކީމުން ގޯތީ ލިބޭ މީހުންގެ ތެރެއިން ގުރުއަތުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ލިބޭ ބައެއް ފަރާތްތަކަށް އިއްޔެ ވަނީ ގޯތީގެ ރަޖިސްޓްރީ ހަވާލު ކޮށްފައެވެ. އަދި އެ ގޯތިތަކުގެ ބިން ކަނޑާފައި ވަނީ ގޯތި ލިބުނު މީހުންގެ ހާޒިރުގައެވެ.

އިއްޔެ ގޯތީގެ ރަޖިސްޓްރީ ދޫކުރި މީހުންގެ ތެރެއިން އުމުރުން 35 އަހަރުގެ ހުސެއިން ހައިޝަމް އަކީ އެންމެ ފުރަތަ ރަޖިސްޓްރީ ލިބުނު ފަރާތެވެ. އޭނާއަށް ގޯތީގެ ރަޖިސްޓްރީ ހަވާލު ކޮށްދެއްވާފައި ވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.

ހުސައިން ހައިޝަމް އަށް، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޯތީގެ ރަޖިސްޓްރީ ހަވާލު ކޮށްދެއްވަނީ/ ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

"އަބަދުވެސް ވަރަށް އުންމީދު ކުރިން. ނުލިބޭނޭ ކިޔާފައި ފޯމް ނުލައި ދޫކޮށްލާކަށް ވެސް ބޭނުމެއް ނުވި. ދެން ބައެއް މީހުން ކިޔާތާ ދޫކުރަން އުޅޭ އެއްޗެއް ނޫނޭ. ދެން އެކަމަކު ވެސް ދޫކޮށްފިއްޔާ ލިބޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތް އަބަދުވެސް. އެގޮތަށް ވިސްނައިގެން ހުރީ"
ހުސައިން ހައިޝަމް

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ހައިޝަމް ބުނީ، އެއީ 5 މެންބަރުން ހިމެނޭ އޭނާގެ ކުޑަ އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ގޯތި ލިބިގެން ދިއުމާ އެކު އޭނާގެ ދަރިންގެ މުސްތަގްބަލް ޔަގީންވީ ކަމަށާއި ދެން އުންމީދު ކުރަނީ ލޯނަކާ ނުލައި އެ ގޯތި ހެދޭނެ ދުވަހަކަށް ކަމަށް ހައިޝަމް ބުންޏެވެ.

އިއްޔެ ގޯތީގެ ރަޖިސްޓްރީ ބަލައި ހައިޝަމް ދިޔައީ އޭނާގެ އަންހެނުންނާއި 4 އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެންނެވެ. މީގެ އިތުރުން އޭނާގެ ދެ ފިރިހެން ކުދިން ތިބޭ އިރު، ރަޖިސްޓްރީ ހަވާލު ކުރި ވަގުތު އެ ދެކުދިން ވީ ސްކޫލުގައި ކަމުން ރަޖިސްޓްރީ ބަލައި ދިޔައީ އެ ތިން މެންބަރުން އެކަންޏެވެ.

ހުސައިން ހައިޝަމް އޭނާގެ އަނހެނުންނާއި ދަރިފުޅާ އެކު، ހުޅުމާލެ ދެވަނަ ފިޔަވަހިން ލިބުނު 1250 އަކަފޫޓުގެ ހުސް ބިމުގައި / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

މާލޭގައި އޭނާ ދިރިއުޅެމުން އަންނަނީ މާލޭގެ ގަލޮޅުގައި ހުރި 1000 އަކަފޫޓުގެ ބިމެއްގައި ތިން ބުރިއަށް ހަދާފައި ހުރި އިމާރާތެއްގައެވެ. ނަމަވެސް އެ ގޯއްޗަކީ 4 މީހުންގެ މައްޗަށް ބަހަންޖެހޭ ތަނަކަށް ވާއިރު މެދަށް ގޯޅިއެއް ލާފައި އެގެ ބަހައިފި ނަމަ މީހަކަށް ޖެހޭނީ 180 އަކަފޫޓު ކަމަށް ހައިޝަމް ބުނެއެވެ. އެހާވަރުގެ ތަންކޮޅެއްގައި އުޅެން ޖެހިއްޖެ ނަމަ އޭނާގެ ދަރިންނަށް ދިރިއުޅުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިސްނާ ބިންވެރިޔާ ސްކީމަށް ހުޅުވާލުމުން އޭނާ ފޯމް ހުށަހެޅީ ގޯތީ ލިބޭނެ ކަމުގެ ފޮނި އުންމީދާ އެކުގައެވެ.

ހުޅުމާލެ ފޭސް 2 އިން ހައިޝަމަށް ލިބުނު ގޯތި ކެނޑުމުގެ ތެރެއިން / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ސިންގަލް އެޕްލިކަންޓެއްގެ ގޮތުގައި ކުރިމަތިލައިގެން ބިންވެރިޔާ ސްކީމްގެ ވަގުތީ ލިސްޓް އާންމު ކުރި އިރު ވެސް ހައިޝަމަކީ ގޯތި ކަށަވަރު ވެފައިވާ ފަރާތެކެވެ. އެ ހަބަރު ލިބުނު ދުވަހުގެ އިހްސާސްތައް ހިއްސާ ކުރަމުން އޭނާ ބުނީ، ބަޔާން ކުރަން ދަތި އުފާވެރިކަމެއް ލިބުނު ކަމަށާއި އަދި ދަރިން ބޮޑެތިވާ ދުވަހު އެ ކުދިން ހަޔާތެއް ފަށާ ހިސާބަށް ދާއިރު ވެސް ބިމުގެ ދަތިކަން އިހްސާސް ކުރަން ނުޖެހުނު ކަމީ އެންމެ ބޮޑަށް އުފާވި ސަބަބު ކަމަށެވެ.

ހުސައިން ހައިޝަމް އޭނާގެ އަންހެނުންނާއި ދަރިފުޅާ އެކު / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް
"އަޅުގަނޑު އެންމެ ބޮޑަށް އުންމީދު ކުރީ ގުޅިފަޅުން ލިބޭނެ ކަމަށް. ދެން ހުޅުމާލެ ފޭސް 2 އިން ލިބުނީމަ ހިތަށް އެރި ދެން އަވަހަށް ގޯތި ލިބިއްޖިއްޔާ ވެސް ހަދަން މި ވަގުތު ފަސޭހަ ވާނޭ. ގުޅިފަޅުން ބޭނުންވީ އަސްލު އެތަން ބޮޑަށް ތަރައްގީވާނެ ތަނަކަށް ވާތީ. އަދި ދައްތައަށް ވެސް ލިބުނީ އެތަނުން"
ހުސައިން ހައިޝަމް

ބިންވެރިޔާ ސްކީމްގައި ގޯތި ލިބޭ މީހުންނަށް ގޯތި ލިބޭ ތަން ހޮވާފައި ވަނީ ގުރުއަތު ލައިގެންނެވެ. މި މަހުގެ 15 އިން 22 އަށް ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވާ އިރު، ހައިޝަމް އަށް 1250 އަކަފޫޓުގެ ގޯތި ލިބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނެވެ.

ހުޅުމާލެއިން ގޯތި ލިބޭނެ ކަމަށް އުންމީދު ނުކުރި ނަމަވެސް ހުޅުމާލެއިން ލިބުނީތީ އެކަމާ ވެސް ޝުކުރުކޮށް އުފާ ކުރާ ކަމަށް ހައިޝަމް ބުނެއެވެ. އަދި ހުޅުމާލެއިން ގޯތި ލިބުމަކީ އަވަހަށް އެ ގޯތީގައި އިމާރާތް އަޅައި އެތަނަށް އަވަަހަށް ވަދެވޭނެ ކަމެއް ކަމަށް ހައިޝަމް ފާހަގަ ކުރެއެވެ.

ހައިޝަމް އަށް ލިބުނު ގޯތީގެ ބިންކަނޑާފައި / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ގޯތީގެ ރަޖިސްޓްރީ ލިބި ބިން ކަނޑައި އޭނާއަށް ހަވާލުކޮށްފައިވާ އިރު، ދެން ވިސްނަނީ އެ ގޯތީ ހެދުމަށެވެ. އެ ގޯތި ހެދުމަށް ލޯނެއްގައި ޖެހޭކަށް ހައިޝަމް ބޭނުމެއް ނޫނެވެ. ލޯނު ނުނަގައި ގެ ހެދޭނެ ގޮތެއް ހޯދައި ގެ ހަދައިގެން އެ ގެއަށް އެ އާއިލާއަށް ވަދެވޭނެ ދުވަހަކީ މިހާރު ހައިޝަމް އާއި އޭނާގެ އާއިލާގެ އެންމެ ބޮޑު އުންމީދެވެ.