ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ރިޔާސީ އިންތިހާބާ ދިމާކޮށް މަޖިލީސް މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުގައި ރިޝްވަތުގެ އަމަލު ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ, މަޖިލީހުގެ ރައީސް ވަނީ އެކަން ބައްލަވާ ދެއްވުން އެދިވަޑައިގެން ފުލުހަށް މައްސަލަ ހުށަހަޅުއްވާފައި ކަމަށެވެ.

ނަޝީދު މި މައްސަލަ ހުށަހަޅުއްވާފައި މި ވަނީ އެ މަނިކުފާނު އިސްކޮށް ހުންނަވާ އުފެއްދެވި ޕާޓީ، ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރުމަށްފަހު އެ ޕާޓީއިން ވަކިވެ އަލުން އެމްޑީޕީއަށް މެންބަރުންތަކެއް ގުޅިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ބަލާއިރު ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

މަޖިލީހުގެ 13 މެންބަރަކު ޑިމޮކްރެޓްސް އަށް ސޮއިކުރައްފައިވީ ނަމަވެސް މަޖިލީހުގެ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް މިހާތަނަށް ހުށަހަޅުއްވާފައި ވަނީ ތިން މެންބަރުންނެވެ.

މެންބަރުންނަށް ރިޝްވަތު ދޭ ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ ބިރެއްނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލިސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވަމުން ކަމަށާއި އެކަމުން ވާނެ މޮޅެއް ނޯންނަވާނެ ކަމަށެވެ. ވިއްޔާ ވާނީ ފަޟީހަތް ކަމަށް ވިދާޅުވެ ނަޝީދު ވަނީ އިންޒާރު ދެއްވާފައެވެ. ނަމަވެސް ރިޝްވަތުގެ ގޮތުގައި އެ މެންބަރުންނަށް ހުށަހެޅީ ކޯއްޗެއް ކަމެއް ނަޝީދު ވިދާޅުވެފައެއް ނުވެއެވެ.