ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ މެނިފެސްޓޯގައި ތަރައްގީގެ ޕްލޭންތައް ހިމަނާފައި ވާނީ ކުޑަ ރަށެއް އަދި ބޮޑު ރަށެއް ބެލުމެއް ނެތި ހުރިހާ ރަށެއްވެސް ހަމަހަމާއެކުގައި ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ އަތޮޅުގެ މިލަދޫއަށް ވަޑައިން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ތަރައްގީއަށްޓަކައި އެކުލަވާލާފައިވާ މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ކަންކަމަކީ ވަކި ރަށަކަށް ހާއްސަ ކުރެވިފައި ހުރި ކަންކަން ނޫން ކަމަށާއި އެކަންކަން މި ރަށަށްވެސް އަދި އެންމެ ބޮޑެތި ރަށްތަކަށްވެސް ތަފާތު ނުވާނެ ކަމަށެވެ.

އެގޮތުން ޒުވާނުންނާ ގުޅިފައިވާ ކަންތައްތަކުން ފެށިގެން ގޮސް ސިއްހީ ނިޒާމުގެ ކަންތައްތައްވެސް ރަށުގެ ރައްޔިތުންނަށް ޖެހިފައިވާ ޒަރޫރީ ބޭނުންނަތައް ފުއްދާދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.

"ޒުވާނުންނާ ގުޅިފައިވާ ކަންކަން އެ ރަށެއްގައި ބިން އޮތް ވަރަކުން ބިމުގެ ބޭނުން ހިފައިގެން ޒުވާނުންނަށް ބޭނުންވާނެ ކުޅިވަރު ކުޅުމުގެ ވަސީލަތްތައް ގާއިމްކުރުމަކީ ހަމަ މިރަށަށްވެސް ކޮށްދެވޭނެ ކަންތައްތައް. ކަނބަލުން ބާރުވެރި ކުރުމަށާއި ފުދުންތެރިކަން އިތުރު ކުރުމަށްޓަކައި ކުރަން ހުރި ކަންކަމަކީ މި ރަށުގައިވެސް ކުރެވޭނެ ކަންކަން"
މުއިއްޒު

މީގެ އިތުރުންވެސް އިގްތިސާދީ ގޮތުން އެކި ކަހަލަ ފުރުސަތުތައް ފަހި ކޮށްދެއްވާނެ ކަމަށާއި ރަށުގެ ރައްޔިތުނެ ގެދޮރު ވެރި ކުރުމަށްޓަކައި ބިން ހިއްކަންޖެހޭ ހާލެއްގައި ބިން ހިއްކާ ދެއްވާނެ ކަމަށްވެސް މުއިއްޒުވަނީ ވިދާޅުވެފައެވެ. އަދި މިލަދޫ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި 50 ހައުސިންގް ޔުނިޓް ގާއިމް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މިލަދޫއަށް ވަޑައިން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން

އަދި މުއިއްޒު ދެއްވި ޔަގީން ކަމަކީ މިލަދޫއަކީ ކިތަންމެ ކުޑަ ރަށެއް ނަމަވެސް އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ އެއްވެސް ކަމަކުން ބާކީ ނުކުރައްވާނެ ކަމަށާއި އެހެން ރަށްތަކެކޭ އެއްފަދައިން އެ ރަށުގެ ރައްޔިތުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކޮންމެ ކަމަކަށްވެސް އިޖާބަ ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން އިގްތިސާދި ގޮތުން އެކިކަހަލަ ފުރުސަތުތައް ހޯދައިދީ ރައްޔިތުންނަށް އޭގެ ނަފާ ލިބޭނެ ގޮތް ހަދައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.