ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކެމްޕެއިން ކުރައްވަމުން ގެންދަވާ ކަމަށް ބުނެ، ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ނެރުނު ބަޔާނަށް އެމަނިކުފާނުގެ ކެމްޕެއިން ސްޕޯކްސްޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރައްދު ދެއްވައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ޓްރާންސްޕޭރަންސީން ބުނީ، ރައީސަށް ކެމްޕެއިންކޮށްދިނުމަށްޓަކައި ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރަމުންދާ ކަން އެ ޖަމާއަތަށް ފާހަގަވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބާކީ ކެންޑިޑޭޓުންނަށް ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ފާހަގަކުރި ބައެއް ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:

  • ރައީސްގެ ދަތުރުފުޅުތަކުގައި އެތައް މަޝްރޫއެއްގެ ރަސްމިއްޔާތު ބޭއްވުން، މިގޮތުން ބައެއް މަޝްރޫއުތަކަކީ މިދިޔަ ދެ އަހަރުގެ ތެރޭ ނިމިފައިވާ މަޝްރޫއުތަކެއް ކަން ފާހަގަކުރި
  • ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު އެމްޓީސީސީ އާއި އާރުޑީސީ އަށް ހަވާލުކުރުން

އެފަދަ ކަންކަމުގެ ސަބަބުން ރައީސްގެ ރަސްމީ މަސްއޫލިއްޔަތުތަކާއި ކެމްޕެއިންކުރެއްވުމާ ދެމެދު އޮތް ފަރަގު ދެނެގަންނަން ދަތިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ޓްރާންސްޕޭރަންސީގެ ބަޔާނާ ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުން މާރިޔާ ވިދާޅުވީ، ކޮންމެ އިންތިހާބަކާ ގުޅިގެން ވެސް އެ ޖަމިއްޔާ އިން އެ ނުކުތާ ފާހަގަކުރާ ކަމަށާއި، ނަމަވެސް އެ ކަންކަން ހުއްޓުވުމަށް އެ ޖަމިއްޔާ އިން އަމަލީ ސިފަ ގެންނަން މަސައްކަތްކުރާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"އެ ވާހަކަ (ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން) ގާނޫނެއްގެ ތެރެއިން ތަންފީޒުކުރެއްވުމަށް ވެސް މަސައްކަތްކުރާ ތަނެއް ނުފެނޭ،" މާރިޔާ ވިދާޅުވިއެވެ.

"ކެމްޕެއިނަށް ނިކުމެވަޑައިގެންފަ އަތް އުރާލައްވައިގެން ހުންނަވައިފިއްޔާ ވިދާޅުވާނެ ސަރުކާރުގެ މުސާރަ ކައިގެން އެހެރީއޭ ގޭގަ، ދައުލަތުގެ މަސައްކަތެއް ނުކުރެއޭ، އެކަމަކު ދައުލަތުގެ މަގާމުތައް އަދާކުރައްވާ ވަޒީފާ އަދާކުރައްވަމުން ވަޑައިގަތީމަ މި ނުކުންނަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމޭ،"

އެހެންވީމާ ކެމްޕެއިން ހަރަކާތްތައް ފެށުމުން ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރުން ހުއްޓާލަންވީތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

އިންތިހާބީ ދުވަސްވަރު ކެންޑިޑޭޓުން ކުރާ ކެމްޕެއިން ދަތުރުތަކުގައި ދައުލަތުގެ ފައިސާ އާއި މުދަލާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ފައިސާ އާއި މުދާ އެއްވެސް ވަރަކަށް ބޭނުން ނުކުރުމަށް މީގެ ކުރިން އޭސީސީން ވެސް ގޮވާލާފައިވެއެވެ. އެގޮތުން އިންތިހާބާ ގުޅިގެން ކެންޑިޑޭޓުން އާންމުކުރަން ޖެހޭ މާލީ ރިޕޯޓުތަކާއި އިންތިހާބާ ގުޅިގެން އެ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީން ހިންގާ މާލީ މުއާމަލާތްތަކުގެ ބަޔާންތައް އާންމު ކުރުމަށް ލަފާދިނުމުގެ އިތުރުން ކާކުކަން ނޭނގޭ ފަރާތްތަކާއި ބިދޭސީ ފަރާތްތަކާއި ދައުލަތުން ދޭ ފައިސާ ކެމްޕެއިން ކުރުމަށް ބޭނުން ނުކުރުމަށް އެ ކޮމިޝަނުން އިލްތިމާސް ކޮށްފައި ވެއެވެ.