ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ މައްސަލައިގައި ހައިކޯޓުން މިއަދަށް ތާވަލު ކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ހުކުމްގައި ހިމެނޭ ޖޫރިމަނާ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ދަށު ކޯޓުން ކުރި ހުކުމްގައި ވެއެވެ.
ޔާމީންގެ ފަރާތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައި ވާއިރު، އެ މައްސަލައިގައި މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފައިވަނީ ދައުލަތުގެ ވަކީލުން ބަލިވެ އުޅޭތީއެވެ.
އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލިފައިވަނީވެސް މި މައްސަލައިގައި ޔާމީންގެ މައްޗަށް ކޮށްފައި އޮތް ޖަލު ހުކުމާއި ޖޫރިމަނާއާ ގުޅިގެންނެވެ. އެ މައްސަލައިގެ ސަބަބުން ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަން އިން ނިންމާފައި ވަނިކޮށް އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް ނިންމާފައި ވަނީ އެމަނިކުފާނާ ދެކޮޅަށެވެ.
އަދި ހުކުމްގައި ހިމެނޭ ޖޫރިމަނާ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދައްކަވާފައި ނުވުމުން އެ ފައިސާ ހޯދަން ބަންޑާރަ ނައިބު އޮފީހުން ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އެއާއެކު ޔާމިންގެ ފަރާތްޕުޅުން ވަނީ، 5 މިލިއަން ޑޮލަރުން ކުރި ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ އަމުރަކަށް ހައިކޯޓުގައި އެދިވަޑައިގެންފައެވެ.