އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ޕާސްޕޯޓް ފުލުހުން ހިފަހައްޓައިފިއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން ކޯޓު އަމުރެއްގެ ދަށުން ލުތުފީގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެންނެވެ. 2019 ވަނަ އަހަރު ފުލުހުން ބުނެފައި ވަނީ އޭނާއާ ގުޅޭ މަނީ ލޯންޑާ ކުރި މައްސަލައެއް ބަލަން ފަށާފައިވާ ކަަމަށެވެ.

އަދި އެ އަހަރު ޗުއްޓީ ނަންގަވާ މަސައްކަތާ އެކަހެރިވެ ހުންނެވި ނަމަވެސް ބަރާބަރަށް މުސާރަ ނަންގަވަމުން ގެންދެވި ކަމަށް ބުނެ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް އެދިފައި ވަނިކޮށް ލުތުފީ ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ.

ދާދި ފަހުން ލުތުފީ ރާއްޖެ ވަޑައިގެންފައި ވާއިރު އޭނާ ފާއިތުވި އަހަރުތަކުގައި ދިރިއުޅުއްވަމުން ގެންދެވީ މެލޭޝިއާގައެވެ. އަދި ރާއްޖެ އެނބުރި ވަޑައިގެން އޭނާ ވަނީ ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތުގައި ބައިވެރި ވެވަޑައިގެންފައެވެ. އެގޮތުން ކެމްޕެއިން ދަތުރުގައި މުއިއްޒު އައްޑުއަށް ވަޑައިގެންނެވި އިރު އޭނާއަށް މަރުހަބާ ދެންނެވުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ލުތުފީ ހުންނެވިއެވެ.

އޭސީސީއަށް ލުތުފީ އައްޔަން ކޮށްފައި ވަނީ 2010 ވަނަ އަހަރު، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނަވައެވެ. އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި އޭނާއަށް ހަތަރު މިލިއަނެއްހާ ރުފިޔާ ލިބިފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.