ދިވެހިރާއްޖޭގެ އިގްތިސާދުގައި ހުރި އިންވެސްޓްމަންޓްގެ ތަފާތު ދާއިރާތަކަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް މަރުހަބާ ދަންނަވައި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރު އުސްމިންތަކަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އިސްލާމްއާބާދުގައި ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ގައި ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި 60 އަހަރުވީ ބަދަހި އެކުވެރިކަމެއް އޮތް ނަމަވެސް، ވިޔަފާރީގެ ދާއިރާއިން އަދިވެސް ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ގިނަ ކަމަށެވެ. އެގޮތުން، އަންނަ ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ކަނޑައަޅުއްވާފައިވާ އަމާޒަށް އެމަނިކުފާނު ތާއީދުކުރެއްވިއެވެ.

ރާއްޖޭގެ ދަތުރުފަތުރާއި ވިޔަފާރީގެ މައިބަދަ ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ގައުމީ އެއާލައިން "މޯލްޑިވިއަން" އިން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި ކަނޑުމަގުން ސީދާ މުދާ އުފުލޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކޯލްޑް ސްޓޯރޭޖްތަކާއި ދަނޑުވެރިކަމުގެ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން އިންވެސްޓްމަންޓްތައް ބޭނުންވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭހާއި ވަސީލަތްތައް ފޯރުކޮށްދިނުމަށާއި، ބޯހިޔާވަހިކަމާއި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކުގައި ޕާކިސްތާނުގެ ކުންފުނިތަކުގެ ތަޖުރިބާ ހިއްސާކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ހަމައެއާއެކު، 2028 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރާއި، އިސްލާމިކް ފައިނޭންސިން އާއި ހަލާލް ޓޫރިޒަމް ފަދަ ދާއިރާތަކުން ހުރި ފުރުސަތުތައް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ބޭރުގެ ވިޔަފާރިތަކަށް ފަހި، ރައްކާތެރި މާހައުލެއް އޮތް ގައުމެއްކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެ މެދުވެރިކޮށް ދުނިޔޭގެ ބޮޑެތި މާކެޓްތަކަށް ވާސިލުވުމުގެ ފުރުސަތު އިންވެސްޓަރުންނަށް ލިބިގެންދާނެ ކަމަށެވެ.