ހިނގަމުންދާ ޝަރީއަތެއްގައި އިންސާފު ގާއިމު ކުރުމަށްޓަކައި ފޯރުކޮށް ދެވިދާނެ މުހިއްމު މައުލޫމާތުތަކެއް ދެނެހުރި މީހަކު، ޝަރީއަތުން ބޭރުގައި މައްސަލައާގުޅޭ މައުލޫމާތު އާންމު ކުރުމަކީ މައްސަަލަ އަށް އަސަރު ކުރާނެ ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެއެވެ.

އަމިއްލަ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ފާއިޒް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ނުދެއްވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެ މި މައްސަލައާ ގުޅުންހުރި ބައެއް މައުލޫމާތުތައް ހާމަކުރެއްވުމާ ގުޅިގެންނެވެ.

ފާއިޒް ވިދާޅުވީ އެމީހަކީ މައްސަލައިގައި ޝަފަހީ ހެއްކެއް ކަމުގައި ވާނަމަ، އެމީހަކާމެދު އެކޯޓަކުން އެޅިދާނެ ފިޔަވަޅުތަކެއް ހުންނާނެ ކަމަށެވެ. އަދި ދެ ހެކިވެރިންގެ ތެރެއިން، ޝަރީއަތަށް ހެކިބަސް ދީފައިވައި ހެކިވެރިޔާގެ ހެކިބަހަށް އަނެއް ހެކިވެރިޔާ ކޯޓުން ބޭރުގައި ރައްދު ދިނުމަކީ ހިނގަމުންދާ ޝަރީއަތަށް ނުރަނގަޅު ނުފޫޒު ފޯރާނެކަމެއް ކަމަށް ފާއިޒް ވިދާޅުވިއެވެ.

"ހެކިބަސް ދީފައިވާ ފަރާތް ކްރޮސް އެގްޒެމިންކޮށް، އަދި ރީ އެގްޒަމިންކޮށް ނުނިމެނީސް އަދި ހެކިވެރިޔާގެ ހެކިބަހުގެ މައްޗަށް ދިފާއީ ވަކީލުން. ތޮއުނު ނުކުރަނީސް ކޯޓުން ނަވަތަ ޝަރީއަތުން ބޭރުގައި އެ ހެކިވެރިޔާގެ ބަސް ދޮގުކުރަން އަނެއްހެކިވެރިޔާ މަސައްކަތް ކުރުމަކީ އިސާފަށް ހުރަސް އެޅުންފަދަ ކަމެކެވެ،"
ފާއިޒް

އަދި ވަކިބާވަތެއްގެ ޖިނާއީ ތަހުގީގުކުރާ އޭސީސީ ފަދަ މުއައްސަސާއަކުން ހޯދާ މައުލޫމާތަކީ އެމައްސަލަ އަކާ ގުޅިގެން ޝަރީއަތަށް ބޭނުންވާނެ މުހިއްމު މައުލޫމާތަކަށް ވެދާނެ ކަމަށާ، ބޭނުންވެއްޖެ ހިނދެއްގައި ނުދީ ހިފެހެއްޓޭ ޒާތުގެ ފިކުރީ މުދަލެއް ނޫން ކަމަށެވެ.

“އޭސީސީ ފަދަ ތަހުގީގީ އިދާރާ އަށް ލިބިފައިވާ މައްސަލައާ ގުޅުން ހުރި ޝަފަހީ މައުލޫމާތަކީ އެތަނުގެ އިސްވެރިންނަށް ނޫނީ ނުއެނގޭނެ މައުލޫމާތެއް ކަމުގައިވާނަމަ، އެމައުލޫމާތެއް ޝަރީއަތަށް ދޭންޖެހޭނެއެވެ،"
ފާއިޒް

ފާއިޒް ވިދާޅުވީ އިސްމަގާމުގައި ހުރުމުގެ ސަބަބުން، މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ މައުލޫމާތު ޝަރީއަތަށް ބޭނުންވެއްޖެ ހިނދެއްގައި ނުދީ ހިފެހެއްޓުމަކީ އިސާފު ގާއިމުކުރުމަށް އެޅޭ ހުރަހެެއް ކަމަށެވެ.

އޭސީސީގެ ކުރީގެ ރައިސް އޭނާގެ އެފްބީގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ޔާމީންގެ އެކައުންޓަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވާކަން އެނގިގެން އޭނާއާ އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދު އާ ދެމީހުން އަދި އޭނާ ވަކިން ވެސް ޔާމީނާ އެއްވެސް ގޮތަކަށް ބައްދަލު ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ބެލެވޭތީކަމަށް ބުނެ އެ ފައިސާ އަނބުރާ ދައުލަތަށް ދެއްކުމަށް ޔާމީނާ ބައްދަލު ކުރައްވާ އަދި ފޯނުން ވެސް އަންގާފައި ނުވާނެ ކަމަށެވެ.

އަދި އެގޮތަށް އަންގާފައި ނުވަނީ އެއިރު އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅިފައި ނުވާތީ ކަމަށް ލުތުފީ ވިދާޅުވިއެވެ. ލުތުފީ ވިދާޅުވީ އެ ފައިސާ އަކީ ދައުލަތުގެ ފައިސާކަން ކަނޑަނޭޅެނީސް އެ ފައިސާ އަނބުރާ ދައުލަތަށް ދެއްކުމަށް އެނގޭނެ އެއްވެސް ހަމައެއް އޮންނާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

އަދި މި މައްސަލައިގައި ތަހުގީގު މަރުހަލާއިން ފެށިގެން މިއަދާ ހަމައަށް ވެސް ޔާމީންގެ މައްޗަށް ދޮގު ބަޔާން ދެއްވާ ދޮގު ހެކިބަސް ދެއްވުމަށް އޭނާއަށް ސަރުކާރުގެ ބާރުވެރި ފަރާތްތަކުން މަޖުބޫރުކޮށް އެގޮތަށް އެކަން ނުކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވީ އެގޮތަށް އިންޒާރު ދީފައި ވަނިކޮށް މަގުމަތިން އޭނާއަށް ހަމަލާދީފައިވާ ކަމަށެވެ. އަދި އެނބުރި ރާއްޖެ ވަޑައިގެންފި ނަމަ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ގަބޫލު ކުރެއްވޭތީއާ، އަދި ކިތައްމެ މަޖްބޫރެއް ކުރިޔަސް، އަދި ކިތައްމެ އިންޒާރެއް ދެއްވިޔަސް އެއްވެސް ފަރާތަކާ ދެކޮޅަށް ކޯޓުގައި ދޮގު ހެކިބަސް ދެއްވަނަ ބޭނުން ނުވާ ކަމަށް ލުތުފީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ އަދުލުވެރި ހެކިބަހެއް އަދާކުރުމުގެ ފުރުސަތު ނެތް ކަމަށެވެ. އަދި އަދުލުވެރި ހެކިބަހެއް އަދާކުރެވޭނެ ފަދަ މާހައުލެއް މިހިނދަށް ގާއިމު ވެފައި ނެތުމުގެ ސަބަބުން އޭނާގެ ފުރާނައަށް އޮތް ނުރައްކަލަކަށްޓަކައި އެ މައްސަލައިގެ ހެކިބަސް އަދާކުރުމުން ތަނާޒުލްވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.