އަމިއްލަ ނަފްސާއި މައިން ބަފައިންނާއި ގާތްތިމާގެ މީހުންނާއި ދެކޮޅަށް ވިިޔަސް، އިންސާފުވެރި ގޮތުގައި ހެކިބަސް ދިނުމަށް ގުރުއާނުގައި އަންގަވާފައި ވާކަމަށް ދީނީ އިލްމުުވެރިޔާ ޑރ. މުހައްމަދް އިޔާޒް ވިިދާޅުވެއްޖެ އެެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައި ވަނީ، މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ހެކިބަސްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން ގެ ކުރީގެ ރައީސް ހަސަން ލުތުފީ ދެކޮޅު ހައްދަވާފައި ވަނިކޮށެވެ. ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކިތަންމެ ގާތް މީހަކާއި ދެކޮޅަށް ވިޔަސް އިންސާފުވެރި ގޮތުގައި ހެކިބަސް ދިނުމަށް ގުރުއާނުގައި އަންގަވާފައި ވާކަމަށާއި، ލުތުފީ ނިންމެވި ނިންމެވުން މުރާޖައާ ކުރެއްވުމަށް ލުތުފީގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކިތަންމެ ހިތި ނަތީޖައެއް އެކަމުން ނެރުނަސް، ހެކިބަސް ދޭންވާނީ ތެދު ބަހުން ކަމަށާއި، އެއްވެސް ކަހަލަ އޮޅުވާލުމެއް އޮވެގެން ނުުވާނެ ކަމަށެވެ.

ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ހަމަޖެހިފައި ވާއިރު ލުތުފީ މިއަދު ވިދާޅުވީ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަން މައްސަލާގައި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދާ އެކު ވެސް އަދި ވަކިން ވެސް ޔާމީންއާ ބައްދަލު ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެ ފައިސާ ދައުލަތާ ހަވާލު ކުރަން އެއްވެސް ޒަރިއްޔާއަކުން ޔާމީނަށް އަންގަވާފައި ނުވާނެ ކަމަށްވެސް ލުތުފީ ވިދާޅުވިއެވެ. މީގެއިތުރުން ލުތުފީ ވަނީ ޔާމީންއާ ދެކޮޅަށް ބަޔާން ދެއްވައި ދޮގު ހެކި ބަސް ދެއްވުމަށް މި ސަރުކާރުގެ ބާރުވެރި ފަރާތްތަކުން އޭނާއަށް ބިރު ދައްކައި އިންޒާރު ދެމުންދާ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

ލުތުފީ މިހާރު އުޅުއްވަނީ ރާއްޖެ އިން ބޭރުގައި ކަމަށް ވާއިރު އޭނާގެ މައްޗަށް ތުހުމަތުކުރާ ހިޔާނާތުގެ މައްސަލައެއް ފުލުހުން ގެންނަނީ ތަހުގީގު ކުރަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ މާދާމާގެ އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމަށް ވަނީ ހަމަޖެހިފައެވެެ. މާދަމާގެ ޝަރީއަތުގައި ހެކިބަސް ނެގުމަށް ނިމިދިޔަ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވި، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުވެސް ހާޒިރު ކުރާނެއެވެ.