އެންޓިކޮރަޕްޝަން ކޮމިޝަންގެ (އޭސީސީީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީގެ އިރުޝާދުގެ ދަށުން ވޭތުވެދިޔަ ފަސް އަހަރު 6 ބިލިއަން ރުފިޔާގެ ވައްކަން ފޮރުވާ ދީފައި ވާކަމަށް މައުލޫމާތު ލިބިވަޑައިގެންފައި ވާކަމަށް މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވެ ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ.
ރިޒާ މިހެން ވިދާޅުވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އެސީސީގެ ކުރީގެ ރައީސް ލުތުފީއަށް އިންޒާރު ދެއްވާ ފްރޭމް ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. މި މައްސަލައިގައި ރިޒާ ވިދާޅުވީ އެއީ ހައިރާން ވާންޖެހޭ ވަރުގެ މައްސަލައެއް ނޫން ކަމަށެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ އެފަދަ ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވިއެެ.
އެހެންނަމަވެސް ރިޒާ ވިދާޅުވީ ލުތުފީއަށް ބިރުދެއްކި ކަމަށް ވިދާޅުވެ ވާހަކަތަކެއް ދައްކަވަމުން ގެންދަވަނީ ކަންކަން ފޮރުވަން ކަމަށާއި، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ލުތުފީގެ އިރުޝާދުގެ ދަށުން 6000 މިލިއަން ނުވަތަ 6 ބިލިއަން ރުފިޔާގެ ވައްކަން ފޮރުވާފައިވާ ކަމަށެވެ. އަދި އެއާއެކީގައި ފާއިތުވި ސަރުކާރުގެ އިކޮނަމިކް މިނިސްޓަރަކާ އެކީގައި ހަސަން ލުތުފީއާ ޕާޓްނާޝިޕް ވިޔަފާރި ހިންގާފައި ހުރިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ހުރި ކަމަށް ރިޒާ ވިދާޅުވިއެވެ.
ރިޒާ ވިދާޅުވީ މިހާރުގެ ހޯމް މިނިސްޓަރު އިމްރާނަކީ މީހަކަށް އެފަދަ ބިރެއް ދައްކަފާނެ ބޭފުޅެއް ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ނިމިގެންދިޔަ ސަރުކާރުގައި މިފަދަ ކަންތައް ވެފައި އޮތުކަމަކީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. އަދި ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައަކީ، ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅަން ޖެހޭ ވަރުގެ މައްސަލައެއް ނޫން ކަމަށާއި، މިއީ ލުތުފީ ކުރައްވާފައި ހުރި ވައްކަންތައް ހާމަކޮށްދިނުމަށް ލިބިފައިވާ ފުރުސަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ރިޒާ ވިދާޅުވިއެވެ.