ބ. މާޅޮހުގެ ފެނާއި ނަރުދަމާގެ ނިޒާމު ނިންމާ އެ ހިދުމަތް ރަސްމީކޮށް މިއަދު އިފްތިތާހް ކޮށްފިއެވެ.
ހާއްސަ ރަސްމިއްޔާތަކާއެކު ފެނައި ނަރުދަމާގެ ނިޒާމް އިފްތިތާހް ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރި ފެސިލިޓީ ބިލްޑިންގް ގާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅާ ގޭގެޔަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅާފައެވެ.
މީގެ އިތުރުންވެސް ފެން ރައްކާކުރުމަށް ތާންގީ ބަހައްޓާ ބޯހޯލް ތޮރުފުމާއި ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން އެޅުމުގެ އިތުރުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ވަނީ އެ ރަށަށް ފޯރުކޮށްދީފައެވެ.
60.45 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ސަބަބުން މާޅޮހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށައް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބ.މާޅޮހަށް މިއަދު ވަޑައިގެންފައިވާއިރު އެ ރަށަށް އާ ސިއްހީ މަރުކަޒަކާއި ސިޓީ ހޮޓަލެއް އަޅައިދެއްވާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވައުދު ވެވަޑައިގެންފިއެވެ.
އަދި ސްކޫލަށް ބޭނުންވާ ކްލާސް ރޫމާއި މަލްޓިޕާފަސް ހޯލާއި އާ ބޮޑު މިސްކިތް ހަދައިދިނުމަށް ވައުދުވެވަޑައިގެންފައިވާއިރު ފުޓްސަލް ދަނޑަކާއި ފުޓްބޯޅަ ދަނޑެއްގެ އިތުރުން އެ ރަށުގެ މަގުތަކުގައި ފެންބޮޑުވުން ހައްލުކޮށް ޒަމާނީ ފެންވަރަށް ހަދައިދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުންވެސް މާޅޮހުގެ ރައްޔިތުންނަށް ޕިކްނިކް ދާނެ ރަށެއް ހަމަ ޖައްސައިދޭނެ ކަމުގެ އުންމީދުވެސް ރައީސް ސޯލިހު ވަނީ ދެއްވާފައެވެ. މާޅޮހަކީ 500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.