ބ. މާޅޮހުގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ބ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ މާޅޮހަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެ ރަށަށް ވަޑައިގެން ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ކޮށްދެއްވުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ސަރުކާރުން ތެދުވެރިކަމާ އިހްލާސްތެރިކަމާއެކު މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
އެގޮތުން އެންމެ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި ބަނދަރުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތުގެ ދުވެލި ކުރިއަށް އޮތް ތާނގައި އަވަސްކުރެވިގެންދާނެ ކަމަށެވެ. އަދި ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބަނދަރުގެ މަޝްރޫއުގެ ތެރެއިން އިތުރުކުރާ ސަރަހައްދަށް އިންޖީނުގެ ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އިންޖީނުގެ ބަދަލުކޮށް ފުޓްސަލް ދަނޑު ބޮޑުކުރާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ވައުދުވެވަޑައިގެން ގޮތަށް ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފަށާފައިވާއިރު ކުޅިވަރުގެ ދާއިރާއިން އިތުރުކަންކަން ކުރައްވާނެކަން ރައީސް ވިދާޅުވިއެވެ. އެގޮތުން ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރަކާއި އައުޓް ޑޯ ޖިމެއްގެ މަސައްކަތް މި އަހަރު ފަށާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރަށުގައި ފެންބޮޑުވާ މައްސަލައަށް ވެސް ހައްލެއް ހޯދަދިނުމާއި ސިއްހީ މަރުކަޒުގެ މަޝްރޫއު މަރުކަޒަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ހިމެނޭ ގޮތަށް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާޅޮހުގެ ރައްޔިތުންނާއި ސުކޫލާއި ކައުންސިލުން މަޝްވަރާކުރުމަށްފަހު ނިންމާ ގޮތަކަށް ސްކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލުކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެއާއެކު އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ގާ އަޅައިގެން ނުވަތަ ތާރު އަޅައިގެން ނުވަތަ ފެން ހިންދޭ ގޮތަށް ވެލިމަގުތައް ބޭނުންވާނަމަ އެ ގޮތަކަށް މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވިއެވެ.