ބ. މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓު އެ ރަށަށް ގެންގޮސްފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޓީސީސީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓު މާޅޮހަށް ގެންގޮސްފައިވާ ކަމަށާއި، މިއީ 56,450 ޓަނުގެ ބޮޑު ހިލައިގެ ޝިޕްމަންޓެއް ކަމަށެވެ.

އެމްޓީސީސީން ބުނީ 770 މީހުންގެ އާބާދީއެއް ދިރިއުޅޭ ބ. މާޅޮހަކީ ބަނދަރުގެ ދަތިކަން އިންތިހާއަށް ތަހައްމަލު ކުރަމުންދާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި، މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ޖާގައިގެ ދަތިކަށް ފިލާ އުޅަނދުތައްއަޅާފައި ބާއްވާނެ ތަނަވަސް ބަނދަރެއް ލިބިގެންދާނެ ކަމަށެވެ.

އެމްޓީސީސީން ބުނީ މާޅޮހު ބަނދަރު ތަރައްގީކުރުމަށް ގެނައި ބޮޑުހިލައިގެ ޝިޕްމަންޓުން ބ. ރ. އަދި ޅ. އަތޮޅުގެ އެހެނިހެން މަޝްރޫއުތަކުގެ މަސައްކަތްތަކަށް ވެސް ބޭނުންކުރެވޭނެ ކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޮޑުހިލަ ރަށަށް އެރުވުމުގެ މަސައްކަތް ކަމަށާއި، 450 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 302 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 453 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ދާނެ ކަމަށެވެ. މީގެއިތުރުން 46,194 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މިއީ 75.43 މިލިއަން ރުފިޔާއަށް 930 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި އެމްޓީސީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކުންފުންޏެކެވެ.