ރަޝިއާ އާ ދެކޮޅަށް ޔޫކްރައިން އިން ބޭނުން ކުރަމުން ދާ ކާމިޔަބު ޑްރޯންތަކުގެ ތެރެއިން ޑްރޯނެއް ވައްޓާލައި، ރަޝިއާގެ ފަހުރެއް ކަމުގައި ދެކޭ 'ސްޕާސޮނިކް ބޮމްބާ' [ބޮން އަޅާ ޒަމާނީ މަތިންދާ ބޯޓު، ގޮއްވާލައިފިއެވެ.

ރަޝިއާގެ ޕީޓާސްބާގްގެ ދެކުނުގައި އޮންނަ ސޮލްޓްސީ 2 އެއާ ބޭއްގައި އޮންނަ އެ ބޯޓަށް ޑްރޯން ހަމަލާ ދިނުމާއެކު ގޮވާ ބޮޑު ސަރަހައްދަކަށް އަލިފާންގަނޑު އަރައިގެން ދާ ވީޑިއޯ އަދި ފޮޓޯ މިހާރު ވަނީ އާންމު ކޮށްފައެވެ.

މި ހާދިސާ އާ ގުޅިގެން ރަޝިއާ އިން ބުނެފައި ވަނީ، ޑްރޯން ހަމަލާއެއް ބޯޓަށް އަރާފައި ވާ ކަމަށާއި ބޯޓަށް ގެއްލުންވެފައި ވާ ކަމަށެވެ. އަދި މިހަމަލާ ދިނީ ކޮޕްޓާ ބްރޭންޑުގެ ޔޫއޭވީ ޑްރޯނަކުން ކަމަށާއި ހަމަލާ ފޮނުވާލާފައި ވަނީ އެ އެއާ ބޭސް ކައިރީގައި އޮންނަ އަސްކަރީ ހަރަކާތްތައް ހިންގާ ސަރަހައްދެއް ކަމަށް ވާ ނޮވްގޮރޮޑް އިން ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ރަޝިއާ އިން ބުނީ ޑްރޯން އަންނަކަން އެގައުމުގެ ދިފާއީ ސިސްޓަމްތަކަށް އެރި ކަމަށާއި، ރައްދުގައި ފޮނުވާލި ހަމަލާތަކުން ކުދިކުދި ހަމަލާ ޑްރޯނަށް އެރި ނަމަވެސް، އޭރި އައިސް ވެއްޓުނީ ކަމަށެވެ. އެއާއެކު އެއް ބޯޓު ހަލާކުވި ކަމަށާއި މީހަކަށް އަނިޔާއެއް ނުވާކަމަށް ވެސް ބުނެފައި ވެއެވެ.

"ޓޫ 22" ގެ ނަމުން ނަންދީފައި އޮންނަ އެ ބޯޓަކީ އަޑަށް ވުރެ ދެގުނަ ބާރަށް ދަތުރު ކުރުމުގެ ގާބިލުކަމާ އެކު އުފައްދާ، އަދި މިހާރު ކުރިއަށް ދާ ޔޫކްރައިން ހަނގުރާމައިގައި ރަޝިއާއިން ބޭނުން ކުރާ ބޯޓެކެވެ.

ޔޫކްރައިންގެ މިހަމަލާއިން ދައްކައިދެނީ ދުވަހުން ދުވަހަށް އެގައުމުގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުވަމުން ދާ ކަމަށާއި، ރަޝިއާގެ އެތެރޭގެ މަގާމުތަކަށް [ތަންތަނަށް] ހަމަލާ ދިނުމުގެ ގާބިލުކަންވެސް ލިބެމުންދާ ކަމެވެ. ޔޫކްރައިންގެ މިހަމަލާގައި 1 ބޯޓު ހަލާކުވި ނަމަވެސް އެއީ ރަޝިއާ އަށް މާބޮޑު ގެއްލުމަކަށް ނުވާނެ ކަމަށާއި، އެ ފްލީޓުގައި ޖުމްލަ 60 ބޯޓު އޮންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯ ހިމެނޭހެން އެތެރޭގެ އެކި ސަރަހައްދުތަކަށް ޑްރޯން ހަމަލާދެމުން ދާއިރު، މިދިން ހަމަލާއަކީ ވެސް ޔޫކްރައިންގެ ބޯޑަރާ 650 ކިލޯމީޓަރު ދުރުގައި އޮތް ތަނަކަށް ދިން ހަމަލާއެކެވެ.

ރަޝިއާގެ ޓޫ 22 އަކީ ފިނިހަނގުރާމައިގެ ދުވަސްވަރުވެސް ބޭނުން ކުރި ކާމިޔާބު ބްރޭންޑެކެވެ. އެ ބްރޭންގެ ފަހުގެ ވާޝަން ކަމަށް ވާ ޓޫ 22އެމް3 އަކީ، ގަޑިއަކު 2300 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރު ކުރެވޭ، މޮބާއި މިސައިލް އާއެކު 24،000 ކިލޯގްރާމުގެ ބަރުހަތިޔާރު އުފުލޭ ގޮތަށް ތައްޔާރު ކޮށްފައި އޮންނަ ބޮން އަޅާ ބޯޓެކެވެ.

މި ވައްޔަރުގެ ބޯޓު ސީރިއާ، ޗެޗްނިއާ އަދި ޖޯޖިއާގެ ހަނގުރާމައިގައިވެސް ރަޝިއާއިން ބޭނުން ކޮށްފައި ވެއެވެ.

މިހާރު ކުރިއަށް ދާ ޔޫކްރައިން ހަނގުރާމައިގައި ބޮން އެޅުމަށް މި ވައްތަރުގެ ބޯޓު ބޭނުން ކުރަމުން ދާ އިރު މިއަހަރުގެ ޖެނުއަރީ މަހު ޑިނިޕްރޯގައި ހުރި ފްލެތްތަކަށް މިސައިލް ހަމަލާ ދިނީވެސް މި ވައްތަރުގެ ބޯޓުތަކުގައި ކަމަށާއި އެ ހަމަލާތަކުގައި ޔޫކްރައިންގެ 30 މީހަކު މަރުވި ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.