އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބ. ތުޅާދޫއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅާ ދިމާކޮށް ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި އެ ރަށުން ބަޔަކު ހައްޔަރު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކޮށްފައި ވަނީ އިދިކޮޅު ޕާޓީ ޕީޕީއެމްއަށް ނިސްބަތްވާ 4 މީހުންނެވެ. އަދި އެ މީހުން ހައްޔަރު ކޮށްފައި ވަނީ ރައީސްގެ ކެމްޕެއިން ދަތުރުފުޅަށް ހުރަސް އެޅޭފަދަ ހަރަކާތްތަކެއް ހިންގާ މަސްލަހަތު ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

ތުޅާދޫގައި ރައީސް ވަޑައިގަތުމުގެ ކުރިން އެ ރަށުގައި އިދިކޮޅުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ބައިވެރިންނަށް އަނިޔާކޮށް، ތަކެއްޗަށް ގެއްލުންދީ، ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅުން އިތުރަށް ބުނީ، ސަރުކާރާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތަކަށް އަނިޔާވެރިވެ އެމީހުން ގެންގުޅޭ ތަކެއްޗަށް ގެއްލުންދީ އެވެސް ކުށެއްނެތި ހައްޔަރު ކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ޑިމޮކްރަސީގެ ރޫހާ ވެސް ހިލާފަށް ހިންގާ ޖަރީމާއެއް ކަމަށް ދެކޭ ކަމަށެވެ.

އެހެންކަމުން ހައްޔަރު ކޮށްފައިވާ އެންމެން މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ހަރަކާތަށް ހުރަސް އެޅުމުގައި، ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ގެއްލުން ލިބުނު ތަކެތީގެ ބަދަލު ދިނުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. އަދި ގައިރު ގާނޫނީ އަމުރުތަކަށް ކިޔަމަން ނުވަމަށް ވެސް ފުލުހުންނަށް އިދިކޮޅުން ވަނީ ނަސޭހަތްތެރި ވެފައެވެ.