ތުޅާދޫގައި 100 ފްލެޓްގެ ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއެއް މިއަހަރު ހިންގަވާނެ ކަމަށާއި އެ މަޝްރޫއު ބަޔަކާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު އެމަނިކުފާނު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ތުޅާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެެއްކެވި ވާހަކަފުޅުގައެވެ.
ބޯހިޔާވަހިކަމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން ޑރ. މުއިއްޒު މިއަދު ތުޅާދޫ ރައްޔިތުންނާ މުހާތަބުކުރައްވަމުން ވިދާޅުވީ، މިދިޔަ ސަރުކާރުގައި ފެށި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގައި މައްސަލަތަކެއް ހުރެ، އެ މައްސަލައިގައި ކޯޓުން ހުުކުމެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މަޝްރޫއާ މެދު ކުރެވޭނެ މާބޮޑު ކަމެއް ނެތް ނމަވެސް 100 ފްލެޓުގެ އާ މަޝްރޫޢެއް ތުޅާދޫގައި ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު އެ މަޝްރޫއުގެ ޓެންޑަރިންއަށް ހުޅުވާލައި ބަޔަކު ކުރިމަތިލާފައިވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެ މަޝްރޫއު ހިންގާނެ ބަޔަކު ހޮވައި އެ މަޝްރޫއު ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ފްލެޓްތައް ދޫކުރާނެ ބަޔަކު ނިންމަވާނީ ރަށުގެ ރައްޔިތުން ކަމަށއި ރައްޔިތުން އެދޭ ގޮތަށް ކައުންސިލުން ނިންމައި އެކަން އެންގުމުން މިނިސްޓްރީން ފާސްކޮށް ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ތުޅާދޫގައި އަމިއްލައަށް ބައެއް ފަރާތްތަކުން ހިއްކާފައިވާ 119 ގޯތި އެބަ އޮތް ކަމަށާއި، އެ ގޯތިތައް އަމިއްލަ ކުރުމަށް ހުށައަޅާފައި ވާތީ އެކަން ވެސް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.