ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ދަށުން ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 11 ވާ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެފިއެވެ.

ތުޅާދޫގައި ގާއިމުކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމަށްޓަކައި 2022 ވަނަ އަހަރު 3 އިއުލާނެއްކޮށްފައި ވާއިރު، އެ އިއުލާންތަކުގައިވާ ކަންކަމާމެދު ތުޅާދޫ ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެ، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މަސައްކަތް މުރާޖައާކުރަން އަންގާފައެވެ.

ހައުސިން މިނިސްޓްރީއިން ބުނީ އެ އެންގުމާއެކު ވެސް ތުޅާދޫ ކައުންސިލުން އެކަށީގެންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން މި މަސައްކަތް ވީހާވެސް އިންސާފުވެރި އަދި ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ހައުސިން މިނިސްޓްރީއިން މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެގޮތުން ހައުސިން ޔުނިޓްތައް ދޫކުރުމުގެ އެންމެހާ ކަންކަން ސީދާ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. އަދި މިކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ތަންފީޒުކުރުމުގެ ގޮތުން "ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގެ ނަމުގައި އުސޫލެއް އެކުލަވާލައިވާ ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އުސޫލަށް ގެނެސްފައިވާ މައިގަނޑު ބަދަލުތަކަކީ:

  • މަސްދުވަހަކަށް ޖެހޭ ޖުމުލަ އާމްދަނީ 60,000 ރުފިޔާއަށް ވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ނުވުން
  • ހާއްސަ އެހީއަށް ނުވަތަ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ އެއް ފަރާތަށްވުރެ ގިނަ ފަރާތް ބަލަހައްޓަމުން އަންނަ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ޕޮއިންޓު ހިމެނުން.
  • ބ. ތުޅާދޫ ރަށްވެހިންނާއި ބ. ތުޅާދޫއަށް ހިޖުރަކޮށްގެން، ބ.ތުޅާދޫގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 10 އަހަރު ވެފައިވާ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ޕޮއިންޓު ހިމެނުން.
  • މައިންބަފައިން ބަލަހައްޓަމުންދާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ފޮއިންޓު ހިމެނުން.

ހައުސިން މިނިސްޓްރީއިން ބުނީ ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ޖަނުއަރީ މަހުގެ 11 ވާ އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ފޯމު ހުށަހެޅުމަށް އެދޭ ފަރާތްތަކަށް 11 ޖެނުއަރީއިން ފެށިގެން އޭޕްރިލް 11 ވާ އަންގާރަ ދުވަހުގެ ރޭގެ 11:59 ގެ ނިޔަލަށް ސްކީމްގެ އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ސުވާލު ހުށަހަޅައިގެން ނުވަތަ ހައުސިން މިނިސްޓްރީގެ 4004919 ނަންބަރަށް ގުޅުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.