މިއަދު ދިވެހިރާއްޖޭގެ އިތުރުން މުޅި ދުނިޔޭގައިވެސް ޑައިބެޓިކްސް ނުވަތަ ހަކުރު ބަލި ޖެހޭ މީހުންގެ އަދަދުތައް ދަނީ އިތުރު ވަމުންނެވެ. ހަކުރު ބަލި ޖެހުމަކީ ލޭގައި ދައުރުވާ ހަކުރު ހުންނަންވާ ވަރަށް ވުރެ މައްޗަށް ގޮސްފައި ވުމެވެ. މިބަލި ކުރިމަތި ވަނީ ހަށިގަނޑުގައި "އިންސުލިން" ބޭނުން ކުރާގޮތް ނުވަތަ އުފައްދާ ގޮތަށް މައްސަލައެއް ދިމާވުމުންނެވެ. މިސާލަކަށް ޗިސްމޭ ނުވަތަ ޕެންކްރިއާސް އިން ލޭގެ ތެރެއަށް އެކަށޭނަ ވަރަށް އިންސުލިން ފޯރުކޮށް ނުދިނުމެވެ. އިންސުލިން އަކީ ކާނާގެ ތެރޭގައި ހިމެނޭ ގުލުކޯޒް ހަކަތައަށް ބަދަލުކުރުމުގެ ޒިންމާ އުފުލާ ހޯމޯންއެވެ.
އިންޓަނޭޝަނަލް ޑައިބެޓިކްސް ފެޑަރޭޝަންގެ 2021 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 537 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުން ތަހައްމަލުކުރަމުން ދަނީ "ޓައިޕް 2 ޑައިބެޓިކްސް" އެވެ. 2021 ވަނަ އަހަރުގައި 6.7 މިލިޔަން މީހުން ހަކުރުބަލީގެ ސަބަބުން ވަނީ މަރުވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އެޗްޕީއޭގެ އެހީގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހަދައި، ނޮވެމްބަރު 2022 ގައި އާއްމުކުރި "ސްޓެޕް" ސާވޭއިން ވަނީ ރާއްޖޭގައި 14 އިންސައްތަ މީހުންނަށް ހަކުރު ބަލި ޖެހިފައިވާ ކަމަށް ދައްކާފައެވެ.
މީގެ އިތުރުން ޑައިބެޓިކްސް ސޮސައިޓީއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން މި އަހަރުގެ ޖެނުއަރީ މަހަށް ވަނީ 16 އަހަރުން މަތީގެ 10،023 މީހުން ހިމަނައިގެން ޑައިބެޓިކްސް ސްކްރީނިން ހަދާފައެވެ. އެ ސޮސައިޓީއިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ސްކްރީނިންގައި ބައިވެރިވި މީހުންގެ ތެރެއިން 84.9 ޕަސެންޓް މީހުންގެ ބޮޑީ ފެޓް ޕަސެންޓޭޖް ހުރީ މަތީގައި ކަމަށެވެ. ބައެއް އަތޮޅުތަކުގެ އާބާދީގެ 90 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ބޮޑީ ފެޓް ޕަސެންޓޭޖް މަތީގައި ހުރުމަކީ ވަރަށް ނުރައްކާތެރި އަދި މުސްތަގުބަލިގައި ގައިންގަޔަށް ނާރާ ބަލިތައް މިހާރަށް ވުރެ ވެސް އިތުރުވެދާނެ ކަމުގެ ނިޝާނެއްކަމަށެވެ.
ޑައިބެޓީސް ސޮސައިޓީން ބުނީ ސްކްރީނިންގައި ބައިވެރިވި 11.8 ޕަސެންޓް މީހުންނަކީ ހަކުރު ބަލި ހުންނަކަން ކުރިން ވެސް އެނގޭ މީހުން ކަމަށެވެ. އަދި އެ ބަލީގެ ގޮތް ނޭނގޭ ކަމަށް 10.2 ޕަސެންޓް މީހުން ބުނި ކަމަށް ރިޕޯޓުގައި ވެ އެވެ. ސްކްރީން ކުރި އަންހެނުންގެ ތެރެއިން ހަކުރު ބަލި ހުރިކަން ކުރިން އެނގޭ ކަމަށް 12.1 ޕަސެންޓް މީހުން ބުނެފައިވާއިރު، ފިރިހެނުންގެ ތެރެއިން ހަކުރު ބަލި ހުންނަކަން އެނގޭ ކަމަށް ބުނެފައިވަނީ 11.4 ޕަސެންޓް މީހުންނެވެ.
ހަކުރު ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތަކާއި ބަލީގެ އަލާމާތްތައް ދެނެގަތުން މުހިންމު
އާއިލާގައި ހަކުރު ބަލި ހުރުމަކީ ތިމާއަށްވެސް ހަކުރު ބަލި ޖެހުމުގެ ސަބަބަކަށް ވެދާނެއެވެ. "ޖީންސް" ގެ ޒަރީއާއިން މި ބައްޔަކީ ވާރުތަކުރާ ބައްޔެކެވެ. މީގެއިތުރުން މާ ބޮޑަށް ފަލަވުމާއި، ލޭމައްޗަށް ދިއުމާއި، ކޮލެސްޓްރޯލް މައްޗަށް ދިއުމާއި، ދިރިއުޅުމުގެ ކަންކަމުގައި މާ ހާސްވެ ކަންބޮޑުވުންވެސް ހިމެނެއެވެ.
ހަކުރު ބަލި ޖެހި އެކަށޭނެ ފަރުވާ ނުކޮށްފިނަމަ ނާރުތަކަށް ގެއްލުން ލިބި އަތްފައި އައްސިވުމާއި، ލޮލުގެ ފެނުން ދަށްވެ ލޯ ފުސްވުމުގެ އިތުރުން ހަމުގެ ބަލިތައް ޖެހުމުގެ ފުރުސަތުވެސް އިތުރުވެގެންދެއެވެ.
ހަކުރު ބަލި ޖެހިއްޖެނަމަ ވަރުބަލިވުމާއި، ކަރު ހިއްކުމާއި ފެންބޮވުމާއި، އާދަޔާ ހިލާފަށް ބަނޑުހައިވުމާއި ގިނަ ގިނައިން ކުޑަކަމު ދާންޖެހުންވެސް ހިމެނެއެވެ.
ރައްކާތެރިވުމަށް ކުރަންވީ ކޮންކަމެއް؟
ހަކުރު ބައްޔަކީ ދިރިއުޅުމުގެ ވައްޓަފާޅިތަކަށް ބަދަލު ގެނެސް ކޮންޓްރޯލް ކުރެވޭނެ ބައްޔެކެވެ. ބައްޔާއެކުވެސް އުފާވެރި ދިރިއުޅުމެއް އުޅެވޭނެއެވެ. އެކަށީގެންވާ ވަރަށް ކަސްރަތުކޮށް ކެއުމަށް ސަމާލުކަން ދިނުން މުހިންމެވެ. ފިކުރުބޮޑުވެ ހާސްވާ ކަންކަމުން ދުރުހެވުމަށް މަސައްކަތް ކުރަން ޖެހެއެވެ. މީގެ އިތުރުން އެންމެ މުހިންމު ކަމަކަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުވާންޖެހެއެވެ. ގަވައިދުން ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ބޭސް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. އަދި ހަށިގަނޑުގެ ބަރުދަން އިސްކޮޅާއި އަޅާ ހުންނަންޖެހޭ މިންވަރު ނުވަތަ "ބީއެމްއައި" ގައި ހިފެހެއްޓުމަށް ސަމާލުކަން ދޭންޖެހެއެވެ.
ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ޔޯގާ އިންސްޓިޓިއުޓް ކަމަށްވާ، އިންޑިއާގެ ''ދަ ޔޯގާ އިންސްޓިޓިއުޓް"ގެ ޑޮކްޓަރު، ހަންސާޖީ ޔޮގެންދްރާ ވިދާޅުވާގޮތުގައި ހަކުރު ބައްޔަށް އޮތް އެންމެ ބޮޑު ފަރުވާއަކީ އެ ބަލި ކޮންޓްރޯލް ކުރުމެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ހާއްސަ ޑައެޓް ޕްލޭނެއް އޮންނަން ޖެހޭނެއެވެ.
ޑރ. ހަންސާޖީ އިރުޝާދު ދޭ ގޮތުގައި ތަފާތު ބެރީސް، ސްޓްރޯބެރީސް، ބްލެކްބެރީސް، ބްލޫބެރީސް، ރާސްބެރީސްއަކީ އެއްވަނައިގެ ބާވަތެކެވެ. ވިޓަމިން ސީގެ ސަބަބުން އަދި އޭގައި ހިމެނޭ އެންޓިއޮކްސިޑެންޓްގެ ސަބަބުން ހަކުރުގެ މިންވަރު އިތުރުކުރާ އޮކްސިޑޭޓިވް ސްޓްރެސް ދަށްކޮށްދެއެވެ.
މިކަންތަކަށް ސަމާލުވުމާއެކު ހިތްހަމަޖެހޭ އުފާވެރި މާހައުލެއް އަމިއްލައަށް ބިނާކޮށްގެން ދިރިއުޅޭނަމަ ހަކުރު ބައްޔަކީ އެއްވެސް ބިރެއް ނެތް، އާދައިގެ ކަމެކެވެ. ގައިގެ ތަނެއްގައި ލަކުނެއް ހުރުމެކޭ ހަކުރު ބަލި ހުރުމެކޭ އެއްވެސް ތަފާތެއް އޭރަކުން ނުހުންނާނެއެވެ. ކޮންމެގޮތެއްވިޔަސް ބަލި ޖެހުމަށްފަހު ދެން އޮންނާނެ ހަމައެކަނި ހައްލަކީ އެ ބައްޔަކަށް އެންމެ އެކަށީގެންވާ ފަރުވާ ދެނެގަނެ އެ ފަރުވާ ލިބިގަތުމާއި ބަލި ކޮންޓްރޯލް ކުރުމެވެ. ބައްޔެއް ޖެހުމުން އިތުރަށް އެ ބަލި ބޮޑުވެ އެ ބަލި މަރު ބައްޔަކަށް ވާކަށް ކޮންމެހެން ލާޒިމެއް ނުކުރެއެވެ.