މަދަރުސީ ދައުރުން ފެށިގެން ހަކުރުބަލީގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ ހޭލުންތެރިކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމުގައި ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިފަދައިން ވިދާޅުވީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ 24 ވަނަ އަހަރީ ދުވަހުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ހަކުރުބަލީގެ ހާލަތު ރާއްޖޭގައި އޮތް ގޮތުގެ މައްޗަށް އަލިއަޅުވާލައްވާ ސާޖިދާ ވިދާޅުވީ މިއީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭން ރާއްޖޭގައި މިހާރު އެންމެ ގިނަ ބަޔަކު ތަހައްމަލުކުރަމުންދާ އެއް ބަލި ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ދިހަ މީހަކުން އެކަކީ ހަކުރުބަލީގެ ޓައިޕް 2 ތަހައްމަލުކުރަމުންދާ ފަރާތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ހަކުރުބަލީގެ ޝިކާރަކަށް ވިޔަ ނުދިނުމަށްޓަކައި ކުރެވިދާނެ ތިން ސާޖިދާ ފާހަގަކުރެއްވިއެވެ. އެ 3 ކަމަކީ، ކޮންމެ މީހަކީ މި ބައްޔާމެދު އަމިއްލައަށް މައުލޫމާތު ހޯދާ މީހަކަށްވުމާއި ލިބޭ މައުލޫމާތާ އެއްގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް އިސްލާހުކުރުމުގެ އިތުރުން ހަކުރުބަލި ތަހައްމަލުކުރަން ޖެހިފައިވާނަމަ ފަރުވާހޯދައި، އަމިއްލަ ހަށިގަނޑަށް ފަރުވާތެރިކަމާއި ސަމާލުކަންދިނުމެވެ.

މުޅި ރާއްޖޭގައި ހަކުރުބައްޔަށް ސްކްރީން ކުރުމަށް ކުރިޔަށްގެންދިޔަ ޕްރޮގްރާމުން ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަފާސް ހިސާބުތަކުގެ ފޮތް މި ހަފްލާގައި މެޑަމް ސާޖިދާ ވަނީ ނެރެދެއްވާފައެވެ.