އިންޓަނޭޝަނަލް ޑައިބެޓީސް ފެޑަރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 537 މިލިއަން މީހުން ހަކުރުބަލި ތަހައްމަލު ކުރަމުންދާކަމަށާއި އަދި ރާއްޖޭގެ ތަފާސްހިސާބަށް ބަލާއިރު އާބާދީގެ 14 އިންސައްތަ މި ބަލި ތަހަމައްމަލު ކުރަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ކޮންމެ އަހަރަކުވެސް ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގެ ގޮތުގައި 14 ނޮވެންބަރު ފާހަގަކުރަމުންދާއިރު މިއަހަރުގެ ޝިއާރަކީ "ހަކުރު ބައްޔާއި ދުޅަހެޔޮކަން" އެވެ. އެޗްޕީއޭއިން ބުނީ އެ ޝިއާރުގެ އަމާޒަކީ ބައްޔާ އެކުވެސް އެކަށީގެންވާ ދުޅަހޮޔޮކަންމަތީ ދިރިއުޅުމަށް ބަލިމީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން މިފަދަ ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކުގެ ބޭނުންތަކުގެ މައްޗަށް ބަލާ މުޖުތަމައުގައި ކަންކަން އިންތިޒާމު ކުރުން ކަމަށެވެ.
ހަކުރު ބަލީގެ ދެ ވައްތަރުގެ ތެރޭގައި ހިމެނޭ ޓައިޕް 1 ޑައިބެޓިސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރު ބައްޔެވެ. އަދި ޓައިޕް 2 ޑައިބެޓިސްއަކީ ހަށިަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ.
އެޗްޕީއޭއިން ބުނީ ގައިން ގައިން ނާރާ ބަލިތަކުގެ ހިރާސްތަކަށް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ހެދިފައިވާ ސްޓެޕް ސާވޭ 2020-2021 އިން ދައްކާ ގޮތުގައި 14 ޕަސެންޓް މީހުން ހަކުރު ބަލި ޖެހިފައިވާ ކަމަށެވެ.
ހަކުރު ބަލި ކޮންޓްރޯލް ކޮށް ރައްކާތެރި ދިރިއުޅުމެއް އުޅުމަށް ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން:
- ގަވައިދުން ބޭސް ކެއުން
- ހަކުރު ކޮންޓްރޯލް ކުރެވިފައިވާކަން ކަށަވަރުކުރުމަށާއި ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަނަކަށް ގެއްލުމެއް ލިބޭތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓްތައް ހެދުން
- ގަވައިދުން ސިއްހީ ހިދުމަތްތެރިއެއްގެ ލަފާހޯދުން
- ކެއިންބުއިން ވަކިގޮތެއްގައި ބެހެއްޓުން
- ގަވައިދުން ކަސްރަތުކުރުން
- ދުފުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ސިއްހަތަށް ގެއްލުން ހުރި އަމަލުތަކުން ދުރުހެލިވުން
އެޗްޕީއޭއިން ބުނީ ހަކުރުބަލިން ރައްކާތެރިވުމަށް އަމިއްލައަށް ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި ހަށިގަނޑުގެ ބަރުދަން ސިއްހީ ގޮތުން ދުޅަހެޔޮ މިންވަރެއް (ބީއެމްއައި)ގައި ހިފެހެއްޓުމަށް މަސައްކަތް ކުރުމާއި، އެކި އުމުރުފުރާގެ މީހުންނަށް އަމާޒުކުރެވޭ ހެލްތު ޗެކްއަޕް ގަވައިދުން ހެދުން މުހިންމު ކަމަށެވެ.