ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ހަކުރު ބަލީގެ ދުވަސް މުޅި ދުނިޔޭގައި ވެސް ފާހަގަ ކުރަމުންދަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެ ދުވަހާ ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މާދަމާ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ލޭގެ ޕްރެޝަރު ބެލުމާއި ހަކުރު ހުންނަ މިންވަރު ބެލުން، އިސްކޮޅާއި ބަރުދަން ބެލުން އަދި ހަށިގަނޑުގައި ސަރުބީ ހުރި މިންވަރު ބެލުން ހިމެނެއެވެ. މީގެ އިތުރުންވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ސިއްހީ ހިދުމަތްތެރިއެއް މެދުވެރިކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އަދި ގޭމް ކުޅެގެން އެކި ތަފާތު އިނާމް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި އާބަންކޯ އާއި ހުޅުމާލެ ހޮސްޕިޓަލް ގެ އިތުރުން ޑައިބަޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ޓްރީޓޮޕް ހޮސްޕިޓަލް ގުޅިގެން ހިންގާ މި ހާއްސަ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނު 09:00 އިން 12:00 އަށް ފުރަތަމަ ދަންފަޅި ކުރިއަށް ދާއިރު މެންދުރުފަހު 14:00 އިން 17:00 އަށް ހަވީރު ދަންފަޅި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އެޗްޕީއޭގެ އެހީގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހަދައި، ނޮވެމްބަރު 2022 ގައި އާއްމުކުރި "ސްޓެޕް" ސާވޭއިން ވަނީ ރާއްޖޭގައި 14 އިންސައްތަ މީހުންނަށް ހަކުރު ބަލި ޖެހިފައިވާ ކަމަށް ދައްކާފައެވެ.

އިންޓަނޭޝަނަލް ޑައިބެޓިކްސް ފެޑަރޭޝަންގެ 2021 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 537 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުން ތަހައްމަލުކުރަމުން ދަނީ "ޓައިޕް 2 ޑައިބެޓިކްސް" އެވެ. 2021 ވަނަ އަހަރުގައި 6.7 މިލިޔަން މީހުން ހަކުރުބަލީގެ ސަބަބުން ވަނީ މަރުވެފައެވެ.