ބައިނަލްއަގްވާމީ ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެސްޓީއޯ މެޑިކަލް ސާވިސަސް އާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމްގެ ތެރެއިން "އަކުއާ ފިޓްނެސް ފެސްޓް" ނަމުގައި އެކްޓިވް ބީޗް ހަރަކާތްތަކެއް މިއަދު ވަނީ ހުޅުމާލޭގައި ކުރިޔައް ގެންގޮސްފައެވެ. މި އިވެންޓުގައި ހުޅުމާލޭގައި މަސައްކަތް ކުރާ ކޯޕަރޭޓް އޮފީސްތަކުގެ މުވައްޒަފުންގެ ތެރެއިން 100 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
އެސްޓީއޯ އިން ބުނީ، މި ފެސްޓްގެ މައިގަނޑު މަގްސަދަކީ އެކްޓިވް ލައިފްސްޓައިލް ޕްރޮމޯޓްކޮށް މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހި ކުރުން ކަމަށެވެ. އެގޮތުން އެކި ޓީމްތަކަށް ބަހާލައިގެން މި ފެސްޓްގައި ބޭއްވި އެކްޓިވް ހަރަކާތްތައް ރާވާ ހިންގާފައި ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ.
މި ފެސްޓްގައި އެސްޓީއޯއިން ވަނީ ޔޫސާ ފްރެންޑްލީ އަދި ކޮލިޓީ ރަނގަޅު ހަކުރު މޮނިޓާ ކުރާ ޑިވައިސްއެއް ތައާރަފް ކޮށްފައެވެ. މި ޑިވައިސް އަކީ ގޭގައި ވެސް ބޭނުންކުރަން ފަސޭހަ، ސްމާޓް ޑިވައިސް އެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެގޮތުން މި ޑިވައިސް ސްމާޓް ފޯނާއި ކަނެކްޓް ކޮއްލުމަށްފަހު ހަކުރު މޮނިޓާ ކުރުމުން އޮޓޯ އިން ހަކުރު ހުރިވަރު ފޯނުގައި ރައްކާކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. މި ގޮތަށް ސްޓޯ ކުރެވޭ މައުލޫމަތުތަކަކީ އަމިއްލަ އަށް އަދި ޑަކްޓަރީ ފަރުވާ ހޯދާ އިރު ހަކުރު މެނޭޖްކޮށް މޮނިޓާ ކުރުމަށް ވަރަށް މުހިއްމު މައުލޫމާތުތަކެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެސްޓީއޯ އިން އަލަށް ތައާރަފް ކުރި މި ބްލަޑް ގްލޫކޯޒް މޮނިޓަރިން ޑިވައިސް އަކީ ކޮރެޔާގެ ބްރޭންޑެއް ކަމުގައިވާ އެސްޑީ ބަޔޯސެންސާ ބްރޭންޑްގެ ޑިވައިސްއެކެވެ.
އެސްޓީއޯ އާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ބައިނަލްއަގްވާމީ ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުނަށް ވެސް އިއްޔެ ވަނީ ހެލްތް ސްކްރީނިން ސެޝަންއެއް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަަންގައި ހުޅުމާލެ ޕޮލިސް ސްޓޭޝަން ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދީފައިވާ ހިދުމަތްތަކުގެ ތެރޭގައި ލޭގެ ޕްރެޝަރާއި، ބީއެމްއައި، އަދި ހަކުރު ޗެކްކުރުމަށް ފަހު ހެލްތް ގައިޑެންސް ވަނީ ދީފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ. މީގެ ތެރޭގައި ހަކުރު މެނޭޖް ކުރުމަށް ގެނެވިދާނެ ލައިފްސްޓައިލް ބަދަލުތަކާއި، ޑައިޓް ޕެލޭންސް، އެކްސަސައިޒް އަދި އިތުރު ބޭނުންތެރި މައުލޫމާތު ވަނީ ހިއްސާ ކޮށްފައެވެ.
އެސްތީއޯ އިން ބުނީ މި ހެލްތް ސްކްރީނިން ސެޝަން އާންމުނަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އާއްމުނަށް މި ސެޝަން ކުރިޔައް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާދަމާގެ މެންދުރު 1:30 އިން 3:30 އަށް ހުޅުމާލެ ހޮސްޕިޓަލުގައި ހުންނަ އެސްޓީއޯ ފާމަސީ ކުރިމަތީގައެވެ.
މީގެ އިތުރުން ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެން ރާވައިފައި ވާނީ ޑައިބެޓިކް ޕޭޝެންޓުންނަށް ހާއްސަ ސެޝަންއެއް ބޭއްވުމަށް ކަމަށް އެސްޓީއޯ އިން ބުނެއެވެ. މި ސެޝަންގައި ޑައިބެޓިކް ޕޭޝަންޓުންނަށް ބޭނުންވާ މުހިއްމު ސިއްހީ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.