ކެންސަރު ބަލީގައި ކުރީގެ ނޫސްވެރިޔާ އަދި އެކްޓިވިސްޓު އައިޝަތު އާނިޔާ މިއަދު މަރުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްވަރު ހެދި މިނިވަން ނޫހާއި މިނިވަން ރޭޑިއޯ ހިންގުމުގައި އިސް ދައުރެއް އަދާކުރި އާނިޔާ މަރުވީ ކެންސަރުގެ ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް އިންޑިއާގެ ބެންގަލޫރުގައެވެ.

އާނިޔާ އަކީ ސޯޝަލް މީޑިއާގައި އެކި ކަންކަމާ ގުޅޭ ގޮތުން ހިޔާލު ފާޅުކޮށް، އާންމުންގެ ތެރޭގައި މަގްބޫލު އެކްޓިވިސްޓެކެވެ. އެގޮތުން ކްލަބްހައުސާއި އެކްސް ގައި އެކި ކަންކަމާ ގުޅޭގޮތުން ބަހުސްކޮށް ހިޔާލު ފާޅުކޮށްފައި ވެއެވެ.

ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ކޮށް، ޕާޓީގެ ތެރޭގައި އިސް ދައުރެއް އަދާކޮށްފައި ވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ މޭ މަހު އެ ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބަށް ފަހު، އާނިޔާ ވަނީ ޕާޓީން ވަކިވެފައެވެ.