ގޭންގް ހަމަލާތައް އިތުރުވެ ހަމަނުޖެހުން ބޮޑުވެފައި ވާ އިކުއެޑޯގައި ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ބަޑިޖަހާ ކެންޑިޑޭޓަކު މަރާލިތާ ހަފްތާއެއް ނުވެ ބަޑިޖެހުމުގެ އިތުރު ހާދިސާއެއް ހިނގައިފިއެވެ.

މިފަހަރު ބަޑިޖަހާފައި ވަނީ، އިކުއެޑޯގެ އެންމެ ބައިބޯ ސިޓީ ކަމުގައިވާ ގުޔާކުއިލް ގެ ރެސްޓީރަންޓެއްގައި ރިޔާސީ ކެންޑިޑޭޓް އޮއްޓޯ ސޮނެންހޮލްޒެނާ، އޭނާގެ އާއިލާ އާއި ރައްޓެހިންތަކަކާއެކު ހެނދުނުގެ ނާސްތާގައި އިންދައެވެ.

ބަޑިޖެހުމުގެ ހާސިދާ ހިނގީ ރެސްޓޯރަންޓާ ކައިރީގައި ކަމަށާއި އެ ހަމަލާގެ އަމާޒަކީ އޮއްޓޯ ނޫން ކަމަށް ހަބަރުތައް ބުނެއެވެ.

އޮއްޓޯ އަކީ ކުރީގެ ނައިބުރައީސް އެވެ. އޭނާ ބްރޭކްފާސްޓާ އެކު ބައެއް ސަޕޯޓަރުންނާ ވާހަކަ ދައްކަން ހުއްޓާ ބަޑިޖަހަ އަޑު އިވުމުން ވަނީ އެ އިވެންޓް ހުއްޓާލާފައެވެ. އެއާއެކު އޭނާ ވަނީ، އެ ހާދިސާ ތަހުގީގު ކުރުމަށް ގޮވާލައި، އެއީ ކެންކަން ކުރިއަށް ގެންދެވޭނެ ގޮތް ނޫން ކަމަށް ބުނެ ޓްވިޓާ މެދުވެރިކޮށް އިދާރާތަކަށް މެސެޖެއް ދީފައެވެ.

އިކުއެޑޯގެ އިންތިހާބުގެ ވޯޓުލުމުގެ ފުރަތަމަ ބުރު މިއަދު ފަށަން ހަމަޖެހިފައި ވާ އިރު، އެގައުމުގެ މަޝްރަހު ވަނީ ރިޔާސީ ކެންޑީޑޭޓް ފެނާންޑޯ ވިވަވިސެންސިއޯ މަރާލުމާ ގުޅިގެން ނުތަނަވަސްވެފައެވެ. އެ ހަމަލާގެ ޒިންމާ އެގައުމުގައި ހަރަކާތްތެރިވާ ހަރިޔާރު އެޅި ގޭންގަކުން އުފުލާފައި ވާއިރު، ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި އެ ގޭންގާ ގުޅުންހުރި 6 މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ފެނާންޑޯއަށް ހަމަލާދިން ކަމަށް ތުހުމަތުވާ މީހާވެސް ހިމެނޭ އިރު އޭނާ ވަނީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ، ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ބަޑިޖަހާ މަރާލާފައެވެ.

ހަބަރުތައް ބުނާގޮތުން، އިކުއެޑޯގެ މައި ސިޓީތަކާއި ގިނަ ބާރުތައް އޮޕަރޭޓް ކުރަނީ ޑްރަގް ވިޔަފާރިއާއި ޖިނާއި ބޮޑެތި ކުއްތައް ކުރާ ގޭންގްތަކުންނެވެ. އެގައުމުގެ އެކިއެކި ވެރިންގެ މައްޗަށް ވެސް ގޭންގްތަކުގެ ކޮންޓްރޯލް އޮންނަ އިރު، ގޭންގްތަކާ ކުޅުމަކީ ފަސޭހަފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ.

މިފަދަ އެހެން ހާދިސާއެއް، އެގައުމުގެ އުތުރުގެ އަވަށެއް ކަމަށް ވާ އެސްމަރަލްޑާސް ގައިވެސް ވަނީ ހިނގާފައެވެ. ރިޔާސީ ކެންޑިޑޭޓެއް ކަމަށް ވާ ޑެނިއަލް ނޮބޯއާ އެ އަވަށުގައި ކެމްޕެއިން އިވެންޓެއްގައި އުޅެނިކޮށް ބަޑިޖަހާ ޕޮލިޓީޝަނަކު [ސިޔާސީ މީހަކު] ވަނީ މަރާލާފައެވެ.

ބަޑިޖަހާ މަރާލި ފެނާންޑޯ އަކީ، ގޭންގް ކުއްތަކާއި ޑްރަގް ޓްރެފިކު ކުރުމުން އެގައުމު ސަލާމަތް ކުރާނެ ކަމުގެ ވައުދާ އެކު އިންތިހާބަށް ނިކުތް ކެންޑިޑޭޓެކެވެ. އޭނާ ފިޔަވައި އެ މެންޑޭޓު [އެކަމާ ގުޅޭ ގޮތުން] ވާހަކަ ދައްކަން ކެރުނު އަދި ކެރޭ އެހެން ކެންޑިޑޭޓަކު ނެތެވެ. ފެނާންޑޯ އަކީ، އެ ކަމުގައި ބަސް ބުނެ އަދި އެކަންކަން ހުއްޓުވުމަށް ފާޅުގައި ލިޔެ ހަބަރުފަތުރަމުން ދިޔަ ނޫސްވެރިއެއް ވެސް މެއެވެ. ރިޔާސީ އިންތިހާބަށް އޭނާ ނުކުމެ ކެންޕެއިން ކުރަމުން ދަނިކޮށް ބަޑިޖަހާ މަރާލީ ވެރިރަށުގައި އޮތް އިވެންޓަކަށް ފަހު ސްޓޭޖުން ފޭބިވަގުތެވެ.

އިކުއެޑޯގެ މަޝްރަހު ނުތަނަވަސްވެފައި ވާ މި ދަނޑިވަޅުގައި އިއްޔެވެސް ވަނީ ބަޑިޖެހުމުގެ އެހެން ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގެ އަމާޒަކަށް ވީ، އެގައުމުގެ ގޮނޑުދޮށާ ކައިރި ޓައުނެއް ކަމަށް ވާ ލަ ލިބާޓަޑްގެ މޭޔަރު ފްރާންސިސްކޯ ޓެމަރިޒް އެވެ. އޭނާ މަރާލަން ދިން ހަމަލާގައި އޭނާ އިން ވެރިކަލަށް 30 ވަޒަން އަރާފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް އެހާދިސާގައި އޭނާއަށް އެއްވެސް އަނިޔާއެއް ނުވެ ވަނީ ސަލާމަތް ވެފައެވެ.