އިކުއެޑޯގެ އާންމު އިންތިހާބަށް ކުރިމަތިލައި ކެމްޕެއިން ކުރަމުން ދިޔަ ކެންޑިޑޭޓް ފެނާންޑީ ވިލަވިސެންސިއޯ ކެމްޕެއިން ރެލީގައި ހުއްޓާ ބަޑިޖަހާ މަރާލައިފިއެވެ.

އޭނާގެ ކެމްޕެއިން މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައި އޮތީ ކޮރަޕްޝަން ނައްތާލުމާއި ގޭންގުތައް ނައްތާލުމުގެ މައްޗަށެވެ.

އެގައުމުގެ ގާނޫނު ހަދާ މިޖިލީހުގެ މެންބަރެއްގެ ގޮތުގައިވެސް ހުންނެވި ފެނާންޑޯގެ ގަޔަށް ބަޑިޖެހީ ވެރިރަށް ކުއިޓޯގައި ބޭއްވި ރެލީއެއްގައި ވާހަކަ ދެއްކެވުމަށް ފަހު ފޭބިވަގުތުއެވެ.

އޭނާ އަކީ އިކުއެޑޯގައި ރާވައިގެން ހިންގާ ޖިނާއީ ކުއްތަކާއި އެގައުމުގެ ސިޔާސީ ބައެއް ފަރާތްތަކާ ގުޅުވާ ވާހަކަ ދައްކާ މަދު ކެންޑިޑޭޓުންގެ ތެރެއިން އެކަކެވެ.

ފެނާންޑޯ

ރެލީގައި އެނާ މަރާލި އިރު، އެކަމުގެ ޒިންމާ ވަނީ ޖިޏާއި ކުއްތަށް ހިންގާ ގޭންގެއް ކަމަށް ވާ ލޮސް ލޮބޯސް (ދަ ވޫލްވްސް) އިން އުފުލާފައެވެ. ލޮސް ލޮބޯސް އަކީ 8000 މެންބަރުން ހިމެނޭ، އިކުއެޑޯގައި ދެވަނަ އަށް އެންމެ ބޮޑު ގޭންގެވެ.

މިހާރުވެސް އެގޭންގުގެ ގިނަ ބަޔަކު ޖަލުގައި ތިބި އިތު ޖަލުތެރޭގައި މަރާމާރީ ހިންގާ މީހުން މެރުމުގެ ރެކޯޑާއި އިކުއެޑޯގައި ހިންގާ ޖިނާއީ ގިނަ ކުށްތައް ހިންގުމުގެ ރެކޯޑް ވެސް އެ ގޭންގުގައި އޮވެއެވެ.

އިކުއެޑޯގެ ލޮސް ޗޯނެރޯސް އިން ވަކިވެގަނެ އުފަން ކުރި ލޮސް ލޮބޯސް އަކީ މެކްސިކޯގައި އޮންނަ ޖަލިސްކޯ ނިއުޖެނެރޭޝަން ކާޓެލް އާ ގުޅުން އޮންނަ އަދި ޑްރަގް ޓެރެފިކިންގައިވެސް ބައިވެރިވާ ގޭންގެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފެނާންޑޯ މަރާލާނެ ކަމުގެ އިންޒާރު ލޮސް ޗޯނެރޯސް އިން މީގެ ކުރިން ދީފައި އޮތުމުން އެ ޖަރީމާ ހިންގީ އެގޭންގުން ކަމަށް ކުރިން ތުހުމަތު ކުރެވުނު ނަމަވެސް އެ ޒިންމާ އުފުލީ ލޮސް ލޮބޯސް އިންނެވެ.

އިކުއެޑޯއަކީ މީގެ ކުރިން އަމާން ގައުމެކެވެ. ނަމަވެސް ކޮލަމްބިއާ އާއި މެކްސިކޯގެ ގޭންގުތައް އޮކުއެޑޯއަށް ވަނުމާއެކު ފާއިތުވި އަހަރުތަކުގައި ކުށުގެ ރެކޯޑުތައް އެގައުމުގައި އިންތިހާއަށް ވަނީ މައްޗަށް ގޮސްފައެވެ.

ރާއްޖޭގައި ވެސް މިއީ ރިޔާސީ އިންތިހާބުގެ މޫސުމެވެ. ގިނަ އަދަދެއްގެ ގޭންގްތައް ހަރަކާތްތެރިވާ މި ރާއްޖޭގައި އެކިއެކި ސިޔާސީ ލީޑަރުން، އެމީހުންގެ މެނިފެސްޓޯތަކުގައި ރާއްޖެއަކީ، އަމާން ރާއްޖެ އަށް ހެދުމާއި އުފާވެރި ރާއްޖެ ގެނައުމުގެ ވާހަކަ އާއި ހާސްކަނޑާލަން ގޮވާލައި ދަނީ ކެމްޕެއިން ރެލީތައް ހިންގަމުންނެވެ.