އިކުއެޑޯގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވަން 10 ދުވަހަށް ވެފައި ވަނިކޮށް އެއް ކެންޑިޑޭޓް ކަމަށް ވާ ފެނާންޑޯ ވިލަވިސެންސިއޯ މަރާލީ ކޮލަމްބިއާއަށް ނިސްބަތްވާ ގޭންގް މެންބަރުންތަކެއް ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފިއެވެ.
އެއީ އިއުއެޑޯގައި ހަރަކާތްތެރިވާ ގޭންގެއްގެ މެންބަރުން ކަމަށާއި އޭނާ މަރާލުމުގެ ތުހުމަތުގައި ހައްޔަރު ކުރި 6 މީހުންގެ ތެރެއިން ބަޑިޖެހިކަމަށް ތުހުމަތުވާ މީހާ ޖަލުގައި މަރުވެއްޖެ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ. އޭނާ މަރުވީ ޖަލުގައި ފުލުހުންނާ ކުރިމަތިލައި ހިންގި ހަމަނުޖެހުމެއްގައި ކަމަށް ވެސް ބުނެފައި ވެއެވެ.
ފެނާންޑޯގެ ޖަނާޒާ މިހާރު ބާއްވާފައި ވާ އިރު އޭނާ މަރާލުމުގެ ޒިންމާ އުފުލީ ލޮސް ލާގޯސް (ދަ ވޫލްވްސް) ކިޔާ ގޭންގަކުންނެވެ. ފެނާންޑޯ މަރާލަން ޖެހުނު ސަބަބެއް އެމީހުން ހާމަ ކޮށްފައި ނުވި ނަމަވެސް ފެނާންޑޯ ވެރިކަމަށް ނިކުތީ، ގޭންގްތަކާއި މަސްތުވާތަކެތީގެ ވިޔަފާރިތައް ނައްތާލާނެ ކަމުގެ ވައުދާ އެކުގައެވެ.
އުމުރުން 59 އަހަރުގެ ފެނާންޑޯގެ ވައުދުތަކުގެ ތެރޭގައި ކޮރަޕްޝަން ނައްތާލުންވެސް ހިމެނޭ އިރު އިއުއެޑޯ ފާހަގަ ކުރެވިފައި ވަނީ، އެގައުމާ ކައިރި ކޮލަމްބިއާ އަދި މެކްސިކޯ ފަދަ ގައުމުތަކުގެ ގޭންގްތަކާ ގުޅިގެން ޑްރަގް ޓްރެފިކިން އާއި ޖިނާއީ ބޮޑެތި ކުށްތައް ހިންގާ ގޭންގްތައް ގިނަ ގައުމެއްގެ ގޮތުގައެވެ. އަދި އެފަދަ ގޭންގް ތަކަކީ ހަތިޔާރާއި ގޮވާތަކެތިވެސް ގެންގުޅޭ ގޭންގް ތަކަށް ވާއިރު، ޖަލުތަކުގައިވެސް ބަޑި ގެންގުޅެ މާރާމާރީ ހިންގާ ހެދުމުގެ ރެކޯޑް އޮވެއެވެ.
އޮފިޝަލުން ބުނީ ފެނާންޑޯ މަރާލުމާ ގުޅިގެން ހިންގި ތަހުގީގުގައި، ރައިފަލަކާއި މެޝިން ބަޑިއެއްގެ އިތުރުން، 4 ފިސްތޯލައާއި 3 އަތުބޮމާއި ރައިފަލް މެގަޒިންގެ 2 މެގަޒިން އާއި 4 ފޮށި ފުރާ ހުރި ގޮވާތަކެތީގެ އިތުރުން 2 ސައިކަލާއި ވަގަށް ނަގާފައިވާ ވެހިކަލެއް ފެނިފައިވާ ކަމަށެވެ. ފެނާންޑޯ މަރާލި، ވެރިރަށުގައި އޮތް ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކާ ސްޓޭޖުން ފޭބި ވަގުތު ބަޑިޖައެވެ.