އިކުއެޑޯގައި ނުލަފާ ގޭންގެއް ޖަލުން ފިލައި، ހަތިޔާރު ހިފައިގެން މުޅި ރަށުތެރޭގައި މީހުން މަރާ، މީހުން ރަހީނު ކުރަމުން ދުވަން ފަށައިފިއެވެ.

ހަބަރުތައް ބުނާގޮތުން، ކޯނެރޯސް ގޭންގް ގެ ބޮސް އެޑޮލްފޯ މާސިއަސް ވިއްލަމާރު ]އާންމު ނަމުން ނަމަ ފިޓޯ] ފިލުމާއެކު، އެ ގޭންގަށް ނިސްބަތްވާ މީހުން ވަނީ ހަތިޔާރު ހިފައިގެން ސިޓީގެ ޔުނިވާސިޓީއަކާއި ގުއާޔަކުއިލްގެ ޕަބްލިކް ޓީވީ ސްޓޭޝަނަށް ވަދެ، މީހުންގެ ބޮލުގައި ބަޑިޖައްސާ އަދި އެތައް ބަޔަކު ރަހީނު ކޮށްފައެވެ.

މީގެ އިތުރުން އެ ގޭންގް، ޖަލުގެ ކޮންޓްރޯލް ނަގާ އެތަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދިޔަ ޕްރިޒަންސް އޮފިސަރުން ރަހީނުކޮށް، ބޮލަށް ބަޑިޖަހާ މަރާ މަންޒަރުތައް ރެކޯޑު ކޮށް ވަނީ އާންމުވެސް ކޮށްފައެވެ.

މި ނުރައްކާ ހާދިސާއާ ގުޅިގެން އެ ގައުމުގައި 60 ދުވަހަށް ކާފިއު ހިންގާފައި ވާ އިރު، ސިފައިން ވަނީ ގޭންގް އަތުލުމަށް ހަތިޔާރާއެކު ރަށުތެރެއަށް ނިކުމެފައެވެ.

ނަމަވެސް ގޭންގުގެ މެންބަރުން ހަތިޔަރާއެކު ޓީވީ ސްޓޭޝަނަށް ވަނެ އެތާ ތިބި މީހުން ރަހީނު ކުރީވެސް ކުއްލި ހާލަތު އިއުލާން ކޮށް ކާފިއު ހިންގާފައި ވަނިކޮށެވެ.

ގޭންގު ރަށުތެރެއަށް ނިކުތުމުން ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަމުން ދަނީ

އިކުއެޑޯގެ މަޝްރަހު ގޯސްވެ ބިރުވެރިކަމެއް އުފެދިފައި ވުމާއެކު ޖެހިގެން އޮންނަ ޕެރޫއިން ވަނީ، ދެގައުމު ގުޅޭ ބޮޑަރު ސަރަހައްދަށް ހަތިޔާރު އެޅި ބޮޑު ފައުޖެއް ފޮނުވާފައެވެ.

މިހާދިސާ އާ ގުޅިގެން އެމެރިކާއިން ބުނެފައި ވަނީ، ޕެރޫގެ ހާލަތު ގާތުން ބަލަމުން ގެންދާ ކަމަށާއި ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި އެހޯތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަމަށް އެގައުމުގެ ރައީސް ޑެނިއަލް ނޮބޯއާ އަށް ދަންނަވާފައި ވާ ކަމަށެވެ.

އިކުއެޑޯއަކީ ދުނިޔޭގެ ދޮންކޭލުގެ ބާޒާރުގައި އެންމެ އުހުގައި އޮތް އެއް ގައުމަށް ވާއިރު، ކްކިން އޮއިލް އާއި ކޮފީ އާއި ކޮކޯއާ އާއި ޝްރިމްޕް އަދި މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ގައުމެކެވެ.

ހަމަނުޖެހުން ހިނގައިގެން އުޅެނީ އިކުއެޑޯގެ އެންޑިއަން ސަރަހައްދުގައެވެ. އެތާނގެ ޖަލުތަކުގެ އެތެރޭގައާއި ބޭރުގައި ހަމަނުޖެހުން ހިނގަމުން ދާ އިރު، މި ހަމަނުޖެހުންތަކުގެ އަސްލަކީ ޑްރަގް ވިޔަފާރި ކުރާ ގޭންގްތަކުގެ ދެމެދުގައި ހިނގަމުންދާ ތަޅާފޮޅުންތައް ކަމަށް ހަބަރުތައް ބުނެއެވެ. މިކަމުގައި އިކުއެޑޯގެ ގެންގްތަކާއި ބޭރު ގައުމުތަކުގެ ގޭންގްތައް ވެސް ޝާމިލްވާ ކަމަށާއި ޑްރަގްގެ ވަގު ވިޔަފާރި އެމެރިކާއަށާއި ޔޫރަޕަށް ވެސް ފުޅާ ކޮށްފައި ވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.