ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ލޯންޗު ފެރީގެ ދެވަނަ ފިޔަވަހީގެ ދަށުން އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ފެރީގެ ހިދުމަތް މިއަދު ފަށައިފިއެވެ. މާދަމާ ޅ. އަތޮޅުގައި ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިއަދު އަލަށް ފެށުނު އާރްޓީއެލް ފެރީ ރޫޓްތަކުގައި ކަސްޓަމަރުންނަށް ހިލޭދަތުރުކުރެވޭނެ ކަމަށެވެ. އަދި ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމުގެ އިތުރުން ކަސްޓަމަރުންގެ ހިޔާލާއި އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުން ކަމަށެވެ.
ހިލޭ ދަތުރުކުރެވޭ މި ހަފްތާގެ މުއްދަތުގައި ޖާގަ ހޯއްދުމަށް ގުޅަން ޖެހޭނީ އެ ރަށެއްގެ ރަށު ކައުންސިލަށް ކަމަށްވާއިރު މި މަހުގެ 25 އިން ފެށިގެން އަލަށް ފެށުނު އާރްޓީއެލް ފެރީ ރޫޓްތަކުން އަގު ނެގާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
އެމްޓީސީސީއިން އިތުރަށް ބުނީ ރަސްމީކޮށް އަގު ނަގައިގެން ހިދުމަތް ފެށުމުން ޓިކެޓް ނެގުމަށް ކަސްޓަމަރުން ބޭނުން ކުރަންޖެހޭނީ އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް ކަމަށެވެ.އަދި ކިޔުއާރް ޓިކެޓް ބައްލަވައިގަންނަވާނެ ގޮތުގެ ވީޑިއޯ އާރްޓީއެލް ޔޫޓިއުބް ޗެނަލް އަދި ސޯޝަލް މީޑިއާ ހޭންޑަލްތަކުގައި ޝާއިއު ކުރެވިފައިވާނެކަމަށެވެ.
ޒޯން 5 އަދި ޒޯން 6 ގައި އަލަށް ފެށި އާރްޓީއެލް ފެރީ ރޫޓްތަކުގެ ހިދުމަތް ހަފުތާއަކު ހަތް ދުވަހު އާރްޓީއެލް ބްރޭންޑްގެ 02 ސްޕީޑް ފެރީ މެދުވެރިކޮށް 02 ރޫޓަކުން ލިބޭއިރު އާރްޓީއެލް ފެރީ ހިދުމަތުގެ ޝެޑިއުލް އާރްޓީއެލްގެ ވެބްސައިޓް އަދި އާރްޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ. އާރްޓީއެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯ އަދި ގޫގުލް ޕްލޭ ސްޓޯއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ރަސްމީކޮށް އަގުނަގައިގެން ހިދުމަތް ދޭން ފެށި ނަމަވެސް ތިން އަހަރުން ދަށުގެ ކުޑަކުދިންނާއ،ި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، (އެންސްޕާ)ގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އާރްޓީއެލް ފެރީތަކަކީ ޖުމްލަ 50 ފަސެންޖަރުންނަށް އަރާމު ކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. މި އުޅަނދުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ވީލްޗެއާ ސްޕޭސް އާއިސްޓްރެޗާ ސްޕޭސް ހުރެއެވެ.