ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންނަށް ރާއްޖޭގެ ވިޔަފާރިވެރިން ދައްކަން ޖެހޭ ފައިސާގެ ތެރެއިން އުނިކޮށްގެން ނަގާ "ވިތުހޯލްޑިން ޓެކްސް" 5 ޕަސެންޓުން 10 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފިއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ. މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 54 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި، ދިވެހި ކޮންޓްރެކްޓަރުންނާއި ބޭރުގެ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ ވާދަވެރި މާހައުލެއް އުފެއްދުމެވެ. މީގެއިތުރުން، މި ގެނެވުނު ބަދަލުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް އަހަރަކު 251 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވެސް ބިލުގައި އަންދާޒާކޮށްފައިވެއެވެ.
ވިތުހޯލްޑިން ޓެކުހަކީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ބޭރުގެ ކޮންޓްރެކްޓަރަކަށް ދިވެހި ވިޔަފާރިއަކުން ފައިސާ ދައްކާއިރު، އެ ދައްކަން ޖެހޭ އަގުގެ ތެރެއިން ވަކި މިންވަރެއް އުނިކޮށް، ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދިވެހި ކުންފުނިން ދައްކަންޖެހޭ ޓެކުހެކެވެ.
