މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފޯރުކޮށްދޭ މާލެ ޓެކްސީ ލައިން ހިދުމަތުގައި ބޭނުންކުރާ އެޕްލިކޭޝަން ބަޔަކު ހެކްކޮށްފައިނުވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

މިއަދު އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، އެޕްލިކޭޝަން ހެކްކުރި ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ހަބަރެއް ކަމަށެވެ. އޭގެ ބަދަލުގައި ހިނގި ކަމަކީ، އެ ކުންފުނީގެ މުވައްޒަފަކު އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ވަދެ، މައުލޫމާތުތަކެއްގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްލުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ކުންފުނިން ކުރިއަށްގެންދިޔަ އެތެރޭގެ ތަހުގީގުން ހާމަވި ގޮތުގައި، އެ މުވައްޒަފު މި އަމަލު ހިންގާފައިވަނީ އެއްވެސް ހުއްދައަކާ ނުލައި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށްއެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލުތަކެއް ގެނެސްފައިވާކަން އެމްޓީސީސީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަވުމާއެކު، ވަގުތުން އޮޕަރޭޝަންސް ޓީމުގެ ސަމާލުކަމަށް އެކަން ގެނެސް ސިސްޓަމް ވަނީ ޝަޓްޑައުންކޮށްފައެވެ. އަދި ސެކިއުރިޓީ ލޮކްޑައުންއަކަށް ސިސްޓަމް ގެނައުމަށްފަހު، ރޭގެ 11:30 ގައި ކުންފުނީގެ ސާވާ އަދި މާލެ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް ރައްކާތެރިކަމާއެކު ރީސްޓޯކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މިއީ ބޭރުން އެޕްލިކޭޝަންގެ ފަޔަވޯލްއަށް ދިން ހަމަލާއެއް ނޫންކަން ކަށަވަރުކޮށްދެމުން، ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް ދިމާނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވެއެވެ.

މި ނޭދެވޭ އަމަލު ހިންގުމުގައި ޝާމިލުވާ މުވައްޒަފު މިހާރު ވަނީ ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައެވެ. އެމްޓީސީސީން ބުނި ގޮތުގައި، ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފާމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެއެވެ.

އަދި މިފަދަ އަމަލުތަކަކީ ކުންފުނިން އެތައް އަހަރެއް ވަންދެން ކުރި ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ ލޯތްބާއި އިތުބާރު ކިލަނބުކޮށްލުމަށް ހިންގާ އަމަލުތަކެއް ކަމަށް ސިފަކޮށްފައިވެއެވެ. ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް، މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ދެމުން، ގްރޭޓަރ މާލެ ސަރަހައްދުގައި ޓެކްސީ ލައިންގެ ހިދުމަތް ފެށިފަހުން އާންމުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް އެމްޓީސީސީން ވަނީ ޝުކުރު އަދާކޮށްފައެވެ. ރާއްޖޭގައި އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، ވީހާވެސް ލުއިފަސޭހަކަމާއެކު ހިދުމަތް ދިނުމުގައި ދެމިއޮންނާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުކުރި މީހުންގެ ނަންތަކާއި އެ މީހުން ދަތުރުކުރި ތަންތަނާއި ދެއްކި ފައިސާގެ އަދަދުތައް ވެސް ވަނީ ލީކުވެފައެވެ. އަދި އެޕްލިކޭޝަންގައި މީހުން ބޭނުންކޮށްފައިވާ އީމެއިލް އެޑްރެހާއި ފޯނު ނަންބަރާއި ވޮލެޓްގެ މައުލޫމާތުތައް ވެސް ވަނީ ލީކްވެފައި ވެއެވެ.

މާލޭ ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ހާއްސަކޮށް ތައްޔާރުކުރި "މާލޭ ޓެކްސީ" އެޕް ހެދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ބުނާ މައްސަލަ ބަލަން ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް ވަނީ އަންގަވާފައެވެ.

ޓެކްސީ އެޕާ ގުޅިގެން ގުޅިގެން ސޯޝަލް މީޑިއާގައި ސީރިއަސް ތުހުމަތުތަކެއްކޮށް، ބުނެފައިވާ ގޮތުގައި އެޕް ހެދުމަށް ހަވާލުކުރި ފިކްސްޑް މޯލްޑިވްސްއަކީ އެޕް ހެދުމުގެ ތަޖުރިބާ ނެތް ކުންފުންޏެކެވެ. އަދި އެ މުއާމަލާތުގެ ތެރެއިން 13 މިލިއަނެއްހާ ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މާލޭ ޓެކްސީ ލައިންގެ އެޕްލިކޭޝަން ހެދުމުގައި ކޮރަޕްޝަން އޮތް ކަމަށް ބުނާ މައްސަލައެއް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފައެވެ. ކުޑޫ ހުށަހެޅުއްވި އެ މައްސަލައިގައި ވަނީ، މާލެ ޓެކްސީ ލައިންގެ އެޕްލިކޭޝަން ތައްޔާރުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާ ކަމަށް ބުނެ އާންމުންގެ ތެރޭގައި ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއިން ބަލައިދިނުމަށް އެދިފައެވެ.