އާންމުކޮށް އަހަރަކު އެއްފަހަރު ހަދާ ސިއްހީ ޓެސްޓުތަކުން އަހަރެމެންގެ ހަށިގަނޑުގެ ހުރިހާ މައުލޫމާތެއް އެނގޭ ހެއްޔެވެ؟ ސައިންސްވެރިއެއް ކަމަށްވާ ޕްރޮފެސަރ ޑީން ހޯ ގަބޫލުކުރާ ގޮތުގައި އެއީ ހަމައެކަނި ވަކި ވަގުތެއްގެ މަންޒަރެކެވެ. އޭނާ ބޭނުންވީ ހަށިގަނޑަށް އަންނަ ބަދަލުތައް ވަގުތުން ވަގުތަށް ދެނެގަންނާށެވެ. އެހެންކަމުން، އޭނާގެ އަމިއްލަ ހަށިގަނޑު ބޭނުންކޮށްގެން މަސްތަކެއް ވަންދެން ކުރިއަށްގެންދިޔަ ދިރާސާއަކުން ވަނީ ހައިރާންކުރުވަނިވި ނަތީޖާތަކެއް ހޯދާފައެވެ.
ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޫރު (އެންޔޫއެސް) ގެ އިންސްޓިޓިއުޓް ފޯ ޑިޖިޓަލް މެޑިސިންގެ ޑިރެކްޓަރު، އުމުރުން 47 އަހަރުގެ ޑީން ހޯ އިސްވެ ހުރެ ކުރިއަށްގެންދިޔަ މި ދިރާސާގައި ބައިވެރިވި ހަމައެކަނި މީހަކީ ވެސް އޭނާއެވެ. 'ޑެލްޓާ' ގެ ނަމުން ނަންދީފައިވާ މި ދިރާސާ ބިނާކޮށްފައިވަނީ ކޮންމެ މީހެއްގެ ވެސް ސިއްހީ އަސާސީ މިންގަނޑެއް ހުންނާނެ ކަމާއި، އެ މިންގަނޑަކީ އުމުރާއި، ސްޓްރެސްއާއި، ނިދުމާއި، ކެއުމާއި، ކަސްރަތު އަދި ބަލިތަކުގެ ސަބަބުން ބަދަލުވަމުންދާނެ އެއްޗެއް ކަމުގެ މައްޗަށެވެ.
ކެއުމާއި ކަސްރަތަށް ގެނައި ބޮޑު ބަދަލު
މި ބަދަލުތައް ދެނެގަތުމަށްޓަކައި، އޭނާ ވަނީ ކެއުމާއި ކަސްރަތުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކޮންމެ ދުވަހަކު ގާތްގަނޑަކަށް 20 ގަޑިއިރު ނުކައި ހުރުމާއި، 48 ގަޑިއިރުގެ ފާސްޓިން ފުރިހަމަކުރުން ހިމެނެއެވެ. މީގެ އިތުރުން ކޮންމެ ހެނދުނަކު 90 މިނެޓުގެ ކަސްރަތު ކުރުމާއި، ފަތާއި، އޮށް އަދި އޮލިވް އޮއިލް ފަދަ މެޑިޓެރޭނިއަން ސްޓައިލްގެ ކެއުންތައް ބޭނުންކުރިއެވެ. ބޯ އެއްޗެހީގެ ގޮތުގައި ބޭނުންކުރީ ހަމައެކަނި ފެނާއި، އިލެކްޓްރޮލައިޓްސް އަދި ހަކުރު ނުލާ ކަޅު ކޮފީއާއި ކަޅު ސައި ކަމަށް ދިރާސާގައި ބުނެފައިވެއެވެ.
"ސައިޓެކް ޑެއިލީ" ގައި ރިޕޯޓުކޮށްފައިވާ ގޮތުން، 2024 ވަނަ އަހަރުގެ އޮގަސްޓު މަހު ފެށި މި ދިރާސާގައި ގާތްގަނޑަކަށް އަށް މަސް ދުވަސް ވަންދެން އޭނާ ވަނީ އެއްފަހަރާ ތިން ޑިވައިސްއެއް ބޭނުންކޮށްފައެވެ. އެއީ ވޫޕް، ގާމިން އަދި އެޕަލް ވޮޗެވެ. މި ޑިވައިސްތަކުގެ އެހީގައި އޭނާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ވަގުތުން ވަގުތަށް ދިޔައީ ރެކޯޑުކުރަމުންނެވެ. މި ދިރާސާގެ ހޯދުންތައް ވަނީ 'ޕްލޯސް ވަން' ޖާނަލްގައި 2026 ވަނަ އަހަރުގެ އޮގަސްޓު މަހު ޝާއިއުކޮށްފައެވެ.
ހައިރާންކުރުވަނިވި ނަތީޖާތައް
މި ބަދަލުތަކާއެކު އޭނާގެ ހަށިގަނޑަށް އައި އެންމެ ބޮޑު އެއް ބަދަލަކީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ބެލިބެލުމުން އޭނާގެ ބަޔޮލޮޖިކަލް އުމުރު 32 އަހަރަށް ވެއްޓިފައިވުމެވެ. މިއީ އޭނާގެ އަސްލު އުމުރަށް ވުރެ ގާތްގަނޑަކަށް 15 އަހަރު ހަގު އުމުރެކެވެ. އާންމުކޮށް ބަޔޮލޮޖިކަލް އުމުރު ބަލަނީ ވަކި ވަގުތެއްގައި ނަގާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ނަމަވެސް، މި ދިރާސާގައި ބޭނުންކުރި އޭއައި ސިސްޓަމުން ވަނީ ސްޓްރެސްއާ ގުޅިގެން ހަށިގަނޑަށް އަންނަ ބަދަލުތަކާއި، އަލުން އާންމު ހާލަތަށް ރުޖޫއަވުމަށް ނަގާ ވަގުތު ވަގުތުން ވަގުތަށް ވަޒަންކޮށްފައެވެ.
ހަކަތަ އުފެއްދުމަށް ހަށިގަނޑުން ހަކުރާއި ސަރުބީ ބޭނުންކުރާ ގޮތް ބަދަލުކުރާ މިންވަރު (މެޓަބޮލިކް ސްވިޗިން) ވެސް ވަނީ އަވަސްވެފައެވެ. އޭނާގެ އުމުރުގެ މީހުންނަށް އާންމުކޮށް 36 ގަޑިއިރާއި 72 ގަޑިއިރު ނަގާ މި ކަމަށް، ދިރާސާގެ ތެރެއިން އޭނާއަށް ނަގާ ވަގުތު ވަނީ 16.5 ގަޑިއިރަށް ކުޑަވެފައެވެ. މިއީ ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުކަން އަންގައިދޭ ކަމެކެވެ.
މީގެ އިތުރުން، އޭނާގެ ހިތުގެ ވިންދު ޖަހާ މިންވަރު (ރެސްޓިން ހާޓް ރޭޓް) މިނެޓަކު 65 އިން 46 އަށް ދަށްވިއެވެ. ނިދުމުގެ އާދަތަކަށް ވެސް ހެޔޮ ބަދަލުތަކެއް އައިސް، ރޭގަނޑު 9 ޖަހާއިރު ނިދަން ފެށުމާއެކު، ނިދާ ވަގުތު 5 ގަޑިއިރުން 8 ގަޑިއިރަށް އިތުރުވިއެވެ. އަދި ގޮހޮރުގެ ސިއްހަތު ރަނގަޅުވެ، ބައެއް ބެކްޓީރިއާތައް ނެތިގޮސްފައިވާ ކަމަށް ވެސް ދިރާސާއިން ދައްކައެވެ.
ޑީން ހޯ ބުނި ގޮތުގައި، މި ދިރާސާގެ މައިގަނޑު މަގުސަދަކީ އަހަރަކު އެއްފަހަރު ހަދާ ޓެސްޓުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ވަގުތުން ވަގުތަށް ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމެވެ. "އަހަރެމެންނަށް އެނގޭ ކޮންމެ މީހަކީ ވެސް ތަފާތު މީހެއްކަން. އެކަމަކު ވަގުތު ފާއިތުވަމުންދާ ވަރަކަށް އަހަރެމެންގެ އަމިއްލަ ހަށިގަނޑު ވެސް ތަފާތުވޭ،" އޭނާ ބުންޏެވެ.
އޭނާ އުންމީދުކުރާ ގޮތުގައި މި ހޯދުންތަކުގެ ސަބަބުން، ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އަމިއްލަ ސިއްހީ މައުލޫމާތު ދެނެގަނެ، ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނައުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިއީ އުމުރު ދިގުކުރުމާ ގުޅޭ ސައިންސްގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
