ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނީލަމުގައި ވިއްކާލާފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒަކީ އެއްވެސް ޒަމާނެއްގައި ރައީސުލްޖުމްހޫރިއްޔަކު ބޭނުންފުޅުކުރައްވާފައިވާ ރަސްމީ މޭޒުކޮޅެއް ނޫން ކަމަށް އެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާ އާއި ބައެއް މީޑިއާތަކުގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒަކީ އެ އޮފީހުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ކަތުރުފަނި އަޅައި ބަލަހައްޓަން ދަތިވެފައިވާ މުދަލުގެ ތެރެއިން ނީލަމަށްލީ މޭޒެއް ކަމަށެވެ. އަދި އެ މޭޒު ނީލަމަށް ލާފައިވަނީ ދައުލަތުގެ މުދާ ނީލަމަށްލުމުގެ ހަމަޖެހިފައިވާ އުސޫލުތަކާއި އިޖްރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން، މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތަށް އެ މޭޒުގައި ދައުލަތުގެ ނިޝާން ހަރުކޮށްފައި ހުރި ނަމަވެސް، ނީލަމަށް ލުމުގެ ކުރިން އެ ނިޝާން ނައްޓާލާފައިވާ ކަމަށާއި، ރައީސް އޮފީހުން ނީލަމަށް ލާފައިވަނީ ދައުލަތުގެ ނިޝާން ނެތް މޭޒެއް ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ މިފަދަ ހަބަރުތައް މީޑިއާތަކުގައި ޝާއިއުކުރުމުގެ ކުރިން، ކަމާބެހޭ ރަސްމީ އިދާރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށާއި، ޒިންމާދާރުކަމާއެކު ހަބަރު ފެތުރުމަށްވެސް ތަރުޖަމާނު ވަނީ މީޑިއާތަކަށް އިލްތިމާސްކުރައްވާފައެވެ.
