ލ. މާވަށު ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތެރެއިން، ބިން ހިއްކުމުގެ ފުރަތަމަ ފޭސްގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 508,816 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި ސޭން ސާޗް ސަރްވޭ ހެދުން ހިމެނޭ ކަމަށެވެ.

އަދި އެ މަޝްރޫއުކީ 61.46 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށް ވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި މާވަށަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން އެރަށުގެ ބިން ހިއްކުމަށް އޮތީ 15 ހެކްޓަރު ކަމުގައިވިޔަސް ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްގެންގޮސް ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކަވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި މާވަށަށް ކުރިމަތިވާ އުދައެރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބޭގޮތަށް އެ ސަރަހައްދު ހިމާޔަތްކުރައްވާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމްޓީސީސީން ވަނީ މާވަށަކީ ބިމުގެ ޖާގައިގެ ދަތިކަން ބޮޑު ރަށަކަށްވުމުން، މި މަޝްރޫއު ނިމުމުން ރަށުގެ ބޯހިޔާވަހިކަމާއި އިގްތިސާދީ އެކި ހަރަކާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ބުނެފައެވެ.