މާލެ ޓެކްސީ ލައިންގެ ހިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، ސްކްރީންޝޮޓް ނަގައިގެން މައުލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ތަހުގީގުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްމީކޮށް ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.
އެމްޓީސީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެޕްލިކޭޝަންގެ ސިސްޓަމްގައިވާ މައުލޫމާތުތަކަށް ބަދަލު ގެނެސް މައުލޫމާތު ލީކުކޮށްފައިވަނީ އެ ކުންފުނީގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފެއްކަން އެތެރޭގެ ތަހުގީގުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ވަނީ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނި ގޮތުގައި ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލުތަކެއް ގެނެސްފައިވާކަން އެމްޓީސީސީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަވުމާއެކު، ވަގުތުން އޮޕަރޭޝަންސް ޓީމުގެ ސަމާލުކަމަށް އެކަން ގެނެސް ސިސްޓަމް ވަނީ ޝަޓްޑައުންކޮށްފައެވެ.
އަދި ސެކިއުރިޓީ ލޮކްޑައުންއަކަށް ސިސްޓަމް ގެނައުމަށްފަހު، ކުންފުނީގެ ސާވާ އަދި މާލެ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް ރައްކާތެރިކަމާއެކު ރީސްޓޯކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މި ނޭދެވޭ އަމަލު ހިންގުމުގައި ޝާމިލުވާ މުވައްޒަފު މިހާރު ވަނީ ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައެވެ. އެމްޓީސީސީން ބުނި ގޮތުގައި، ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފާމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެއެވެ.
އެމްޓީސީސީން ބުނީ ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުންމަތީ ކުންފުނި ދެމިއޮންނާނެ ކަމަށާއި، ދިވެހި ސަރުކާރާއި، ހިއްސާދާރުންގެ އިތުރުން ކަސްޓަމަރުނާއި ވިޔަފާރިވެރިން ކުންފުންޏަށް ކުރާ އިތުބާރަށް ޝުކުރު އަދާކުރާކަމަށެވެ.
ރާއްޖޭގައި އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ އަމާޒަކީ ކަނޑައެޅިފައިވާ އަގުތަކުގައި ވީހާ ވެސް ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
