ހދ. ކުރިނބި ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ ތެރެއިން ބިންކޮނުމާއި ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ ކުރިނބީގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް، އާންމުންނަށް ލިބޭ ހިދުމަތްތައް ފުޅާކުރުމަށް ހިންގާ މި މަޝްރޫއުގެ ދަށުން އިމާރާތުގެ ފައުންޑޭޝަނަށް ބޭނުންވާ ބިންކޮނުމުގެ މަސައްކަތާއި، ކޮންކްރީޓް އެޅުމުގެ ކުރިން ކުރަންޖެހޭ ލީން ކޮންކްރީޓްގެ މަސައްކަތްތައް މިހާރު ފުރިހަމަކުރެވިފައިވާކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން ކުރިނބި ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުވެ، ޒަމާނީ ވަސީލަތްތަކާއެކު އެކަށީގެންވާ ސިއްހީ ހިދުމަތެއް ރަށުގެ އާބާދީއަށް ފޯރުކޮށްދެވިގެންދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މިއީ 12.5 މިލިއަން ދިވެހި ރުފިޔާއަށް 300 ދުވަސް ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއްކަމަށެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ 27 އޮގަސްޓު 2025ގައެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.