ކ. ގާފަރުގެ މަގުތަކާއި ގޯޅިތަކުގައި ޖޯލިފަތި ބެހެއްޓުން މަނާކޮށް "މަގުތަކާއި، ގޯޅިތަކާއި، އިޖުތިމާއީ ސަރަހައްދުތަކާއި، ހޭޅިފަށުގައި ތަކެތި ބެހެއްޓުމާއި، ހަޓުހެދުމާގުޅޭ ގަވާއިދު" ގެޒެޓް ކޮށްފިއެވެ.

އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި މަގުތަކާއި ގޯޅިތަކުގައި ޖޯލިފައްޗާއި، ބެންޗާއި، ގޮނޑިފަދަ ތަކެތި ބަހެއްޓުމަކީ މަނާ ކަމެކެވެ.

ރަށުގެ އިޖުތިމާއީ ސަރަހައްދުތަކާއި، އަތިރިމައްޗާއި، ހޭޅިފަށާއި، ފިނި މައިޒާންތަކުގައި ޖޯލިފަތިފަދަ ތަކެތި ކައުންސިލްގެ ހުއްދަޔާއެކު ބެހެއްޓިދާނެ ކަމަށް އެ ގަވާއިދުގައި ވެއެވެ. ނަމަވެސް މިގޮތަށް ބެހެއްޓޭ ޖޯލިފަތިފަދަ ތަކެތި ހުންނަންވާނީ ވަށައިގެން ހާމައަށް ފެންނާނޭހެން ކަމަށާއި މިދަފަ މައިޒާންތައް ހެދުމަށް ހޭޅިން ގަސްގަހާގެހި ނުވަތަ ގޮފި ކަނޑައިގެން ނުވާނެ ކަމަށް ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

މި ގަވާއިދުގެ ދަށުން ގާފަރު މަގުމަތީގައި ގަސް އިންދޭނީ:

  • 15 ފޫޓު ނުވަތަ އެއަށްވުރެ ފުޅާ މަގުތަކުގައި ގޭގެ އިމުން ފެށިގެން 18 އިންޗި ފުޅާމިނުގައި (އެގޮތަށް އިންދާ ގަހަކީ، ހެދިބޮޑުވެ ގަހުގެ ގޮފިތައް މަގަށް ފެތުރިގެން ނުދާނޭ ބާވަތްތަކުގެ ގަހަށް ވާންވާނެ، ގަސް އިންދާއިރު ރާނައިގެން ނުވަތަ ގާފޮޅުއަޅައި ވަކިކުރެވިގެން ނުވާނެ)
  • މަގުގެ ފުޅާމިން 15 ފޫޓު ހަމަނުވި ކަމުގައިވިއަސް 10 ފޫޓު ނުވަތަ އެއަށްވުރެ ފުޅާނަމަ، ގޭގެ އިމުން 12 އިންޗި ފުޅާމިނުގައި
  • ފުޅާމިނުގައި 10 ފޫޓު ހަމަނުވާ މަގުތަކާއި ގޯޅިތަކުގައި އެއްވެސް ބާވަތެއްގެ ގަހެއް އިންދުން މަނާ، ފާރަށް އަރުވާގޮތަށް ވެޔޮފަދަ ބާވަތްތައް މަގަށް 8 އިންޗިއަށްވުރެ ބޮޑަށް ނުފެތުރޭ ގޮތަށް
  • ފުޅާމިނުގައި 6 ފޫޓޫ ހަމަނުވާ ގޯޅިތަކުގައި އެއްވެސް ބާވަތެއްގެ ގަހެއް އިންދުން އަދި ޕޮޓު ބަހެއްޓުން ވެސް މަނާ

ގޯތީގައި ހައްދައިފައި ހުންނަ ގަސްގަހާގެހިން މަގުތަކާއި ގޯޅިތަކަށް ނުކުމެފައި ހުންނަ ގޮފިތަކާއި ގަސްގަހާގެހީގެ ބައިތަކުގެ 12 ފޫޓަށްވުރެ ތިރީގައި ހުންނަ ބައިތައް ގޭގެ ވެރިފަރާތުން ކޮށައި ބަލަހައްޓަން ޖެހޭނެ ކަަމަށް މި ގަވާއިދުގައި ބަޔާންކޮށްފައި ވާއިރު ގޭގެ އިންފާރުން ބޭރުގައި މަގުމަތި ބޭނުން ކުރާ ފަރާތްތަކަށް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ބާވަތެއްގެ ގަހެއް އިންދުން މި ގަވާއިދުގެ ދަށުން ވަނީ މަނާކޮށްފައެވެ.

މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން އިންދާފައިވާ ގަސްގަހާގެހި ރައްޔިތުންގެ ބޭނުމަށްޓަކައި ހިންގޭ މަޝްރޫއަކާ ގުޅިގެން ނަގަން ޖެހިއްޖެ ހާލަތެއްގައި އެއްވެސް ބަދަލެއް ދިނުމަކާ ނުލައި ގަސްގަހާގެހި ނައްތާލުމުގެ ބާރުގެ އިތުރުން ގަވާއިދާ އެއްގޮތަށް އިންދާފައިވާ ގަސްގަހާގެހި ބަލަހައްޓަމުން ނުދާނަމަ 3 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ގަސްތައް ނެގުމުގެ އިހްތިޔާރު މި ގަވާއިދުން ކައުންސިލަށް ލިބިދެއެވެ. އަދި ގަސްނެގުމަށް ހަރަދެއް ކުރަން ޖެހިއްޖެނަމަ އެ ހަރަދު ގަސް އިންދި ފަރާތަކުން ހޯދުމުގެ އިހްތިޔާރު ވެސް ކައުންސިލަށް އޮވެއެވެ.

އެ ގަވާއިދުގައިވާ ގޮތުން 15 ފޫޓު ނުވަތަ އެއަށްވުރެ ފުޅާ މަގުތަކުގައި ގޯތިގެދޮރު އިމާރާތް ކުރުމަށް ގެންނަ ތަކެތި ބެހެއްޓޭނީ، ގިނަވެގެން 60 ދުވަހަށް ކަމަށް ވާއިރު 15 ފޫޓަށްވުރެ ހަނިމަގުތަކާއި ގޯޅިތަކުގައި ތަކެތި ބެހެއްޓޭނީ ގިނަވެގެން 24 ގަޑިއިރަށެވެ. އަދި އެއަށްވުރެ ދިގު މުއްދަތަކަށް ތަކެތި ބެހެއްޓޭނީ ސަބަބު ބަޔާންކޮށް ކައުންސިލަށް ހުށަހަޅައި އެކަމާމެދު ކައުންސިލުން ނިންމާ ގޮތެއްގެ މަތީންނެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރަށް ނަސޭހަތްދިނުމަށް ފަހު ދެންވެސް އިސްލާހު ނުކުރާނަމަ ކަމުގެ ކުޑަބޮޑު މިނަށް ބަލައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 140 ވަނަ މާއްދާގެ ދަށުން 500 ރުފިޔާއާއި 5،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ކައުންސިލަށް ވަނީ ދީފައެވެ.