ހުޅުމާލޭގައި އާއްމުން ދިރިއުޅޭ ގެތައް 10 ބުރިއަށް ނެގޭ ގޮތަށް ބަދަލު ގެނެސްފިއެވެ.
ހުޅުމާލެއިން ގެދޮރުވެރި ކަމަށް ކަނޑައަޅާފައިވާ ރެޒިޑެންޝަލް ޕްލޮޓްތަކުގައި މީގެ ކުރިން ޓެރަސް އާއެކު އިމާރާތް ކުރުމުގެ ހުއްދަ އޮންނަނީ 7 ފަންގިފިލާ އަށެވެ.
އެޗްޑީސީން އިން ބުނީ، ހުޅުމާލޭގައި އާންމުން ދިރިއުޅޭ ގެތައް މިހާރު ޓެރަސްއާ އެކު 10 ފަންގިފިލާ އަށް އިމާރާތްކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން 31 މީޓަރަށް މިހާރު ރެޒިޑެންޝަލް ޕްލޮޓުތައް ހިއްލާލެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި 15 މީޓަރަށް ވުރެ އިމާރާތް އުސް ވާ ނަމަ ލިފްޓް ބަހައްޓަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
މީގެ އިތުރުން ޕާކިންގެ އާ ޝަރުތުތައް އިތުރުކޮށް، އިމާރާތުގެ އިމުގެ ތެރޭގައި ޕާކިން ހެދުމަށް ކަނޑައަޅާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން މަދުވެގެން 2 ސައިކަލު ޕާކް ކުރާނެ ޖާގަ ކޮންމެ 2 ކޮޓަރީގެ އެޕާޓްމަންޓަކަށް ކަނޑައަޅަން ޖެހޭނެ ކަމަށާއި ކޮންމެ 1 ކޮޓަރީގެ އެޕާޓްމަންޓަކަށް 1 ސައިކަލު ޕާކް ކުރާނެ ޖާގަ ކަނޑައަޅަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އަދި ސައިކަލު ޕާކިންގެ ސައިޒެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަދުވެގެން 0.8 އާއި 2 މީޓަރެވެ. އަދި ކާރު ޕާކިންގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަދުވެގެން 2.5 އއި 4.8 މީޓަރު ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.