ގއ. ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫއާއި ހއ. އިހަވަންދޫ މަސްކިރާ ބަނދަރު ތަރައްގީ ކުރުމަށް ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރޭގައި 9.16 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުން އަދި 823 މީޓަރުގެ ޑްރެއިނޭޖް ބަޔޮސްވޭލެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 44.3 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއަކަށްވާއިރު މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނީ އެންވަޔަރަންމަންޓަލް އިމްޕެކްޓްއެސެސްމަންޓެއް ހެދުމަށްފަހުގައި ކަމަށް އެމްޓީސީސީއިން ބުނެއެވެ.
އިހަވަންދޫ މަސްކިރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 5.5 މީޓަރު އެމްއެސްއެލްގެ 47,161 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިންފުންކުރުން، 3.5 މީޓަރު އެމްއެސްއެލްގެ 3060 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުން އަދި 42 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމަނާފައިވެއެވެ.
މީގެއިތުރަށް މި މަޝްރޫއުގެ 129 މީޓަރުގެ ޝީޓް ޕައިލް އެއްގަމުތޮށި ލުމާއި، 66 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ބޮލާޑް ހަރުކުރުމާއި، ވީ-ފެންޑާ ހަރުކުރުމުގެ އިތުރުން 3437 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 60.26 މިލިއަން ރުފިޔާއަށް 500 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފަށާނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުގައެވެ.
މި މަޝްރޫއުތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވ،ީ އެ ކުންފުނީގެ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު އެކަން ވަނީ ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.