މިދިޔަ 5 އަހަރު ސަރުކާރުން ޖަލަށް އިހުމާލު ވެފައިވާ ކަމަށް ބުނެ މާފުށީ ޖަލުގައި ގައިދީން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކެމްޕެއިން ކުރަން ފަށައިފިއެވެ.

އެކަމާ ގުޅޭ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު ކަރުދާހުގައި ލިޔެ، ގައިދީން ވަނީ ކެމްޕެއިންގެ ޝުއޫރުތައް ފާޅުކޮށްފައެވެ. އެގޮތުން ޖަލުގައި ތިބި ގައިދީން ތިބީ މުއިއްޒުއާއެކު ކަމަށާއި އުފަލެއް އޮތީ މުއިއްޒު ހޮވިގެން ކަމަށް ވަނީ ލިޔެފައެވެ. ދިވެހިންނާއި އިނގިރޭސި ބަހުންވެސް ކަރުދާސްތަކުގައި ލިޔެފައި ވާއިރު، ޖަލުގެ ވާހަކަތައް ދައްކަވަނީ މުއިއްޒު ކަމަށާއި މި ފަހަރު ޖަލުގެ 2 ވޯޓު ފޮށި ފުރާލާނީ މުއިއްޒަށް ވޯޓުއަޅައިގެން ކަމަށް އޮތް އިރު، ޖަލުގައި ތިބި ޒުވާނުންގެ އުންމީދަކީ މުއިއްޒު ކަމަށްވެސް ވަނީ ލިޔެފައެވެ.

އެ ލިޔުންތަކާއެކު ގައިދީއެއް ކަމަށް ބުނާ ޒުވާނަކު ވާހަކަދައްކާފައިވާ ވީޑިއޯއެއްވެސް ދައުރުވަމުން ދާއިރު އޭނާ ބުނެފައި ވަނީ ޒަމާނުންސުރެ އެންމެންނަށްވެސް ގަބޫލުކުރެވިފައި އޮންނަނީ މާފުށީ ޖަލަކީ އެމްޑީޕީ އަދި ރައީސް މުހައްމަދު ނަޝީދަށް ތާއީދު އޮންނަ ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަން ބަދަލުކޮށްލުމުގެ އެންމެ ބޮޑު ދައުރެއް އަދާކޮށްފައި ވަނީ މާފުށީ ޖަލުގައި ހިނގާ ގޮސްފައިވާ ހާދިސާތަކުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ ގައިދީ ވަނީ ޖަލާމެދު އިހުމާލުވެގެން ޖަލުގެ ތާއީދު ނެތި ހޯދޭނެ ވެރިކަމެއް ނޯންނާނެކަން ސިޔާސީ ވެރިން ގަބޫލުކުރަން ޖެހޭ ކަމަށާއި އެތަނުގައި ތިބި ކޮންމެ ގައިދީއަކީ އެތައް އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށް ބުނެފައެވެ.

"ދިވެހިރާއްޖޭގެ އެއްވެސް ސިޔާސީ ވެރިއަކު ގަބޫލުކޮށްގެން ނުވާނެ ޖަލާމެދު އިހުމާލުވެގެން ޖަލުގެ ތާއީދު ނެތި ހޯދޭނެ ވެރިކަމެއް އޮންނާނެ ކަމަކަށް"
ގައިދީ

ޖަލަށް މިދިޔަ 5 އަހަަރުގައި ވަރަށް ބޮޑަށް އިހުމާލުވެގެން ގޮސްފައިވާ ކަމަށާއި ޖަލުގައި ތައުލީމާއި އެހެނިހެން ކަންތައްތައްވެސް ކޮށްދީފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިކަން، ޖަލުގައި ގިނަ ދުވަސްވީ ގައިދީން މިއަދުވެސް ދަންނާނެ ކަމަށް އޭނާ ބުނެއެވެ.

"ޖަލަށް މިހާތަނަށް މި 5 އަހަރުގެ ވެރިކަން ނިމިގެން ދިޔައިރު ވަނީ ވަރަށްވެސް ބޮޑަށް އިހުމާލުވެގެން ގޮސްފައި. މި ޖަލުގައި ތައުލީމާއި މި ޖަލަށް ކިރިޔާވެސް ރަނގަޅު ކަމެއް ކުރެވިގެން ގޮސްފައިވަނީ އަބްދުﷲ ޔާމީންގެ ވެރިކަމުގަިއ ކަން ޖަލުގައި ގިނަ ދުވަސްތައް ހޭދަކުރަމުންދާ ގައިދީން މިއަދުވެސް ދަނޭ."
ގައިދީ

ޒަމާނުންސުރެ ގައިދީން ވިސްނަމުން އައި ވިސްނުން މިހާރު ބަދަލުކޮށްފައި ވާކަން ފާހަގަ ކުރަމުން އޭނާ ބުނެފައި ވަނީ މީގެ ކުރިން ރައީސް ނަޝީދާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ވެރިކަން ހޯދައިދޭން މަގުމައްޗަށް ނިކުތް މަންމައިންގެ މިހާރުގެ އުންމީދަކީ ވަކި މީހަކަށް ވެރިކަމާއި ބާރު ފަހިކޮށްދިނުމެއް ނޫނެވެ. އަދި އެ މީހުން މަގުމައްޗަށް ނިކުތީ ދެއްކި ވާހަކަތަކުގެ ޖަޒުބާތުގައި ޖެހިގެން ކަމަށާއި އެ މީހުން ވާހަކަ ދައްކަމުން ދިޔައީ ޖަލަކީ ލާއިންސާނީ ތަނެއްގެ ގޮތުގައި ކަމަށެވެ.

އެ ވާހަކަތަކާއެކު އެ މައިންގެ ލަގޮނޑިއަށް ކެތްނުވެގެން މަގުމައްޗަށް ނުކުތް ނަމަވެސް ގައިދީންނަށާއި އެ މައިންނަށްވެސް، އެ މީހުން ހަރާންކޯރުވެއްޖެ ކަމަށް އެ ގައިދީ ވަނީ ބުނެފައެވެ. އެހެންކަމުން މާފުށީ ޖަލުން މި ފަހަރު ތާއީދު ކުރާނީ ރައީސް ޔާމީންގެ ކެންޑިޑޭޓް ޑރ. މުއިއްޒަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ޖަލަކީ އިލެކްޓްރޯނިކް އެއްވެސް އާލާތެއް ވެއްދުމާއި ބޭނުން ކުރުން މަނާކޮށްފައިވާ ތަނަކަށް ވާއިރު މިފަދަ ގޮތަކަށް ވީޑިއޯތައް ދައުރުވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

މި މައްސަލައާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު "ދަ ޕްރެސް" އަށް ވިދާޅުވީ، އެއީ ޖަލުގެ ވީޑިއޯއެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި އެއީ ޖަލުގައި ނަގާފައިވާ ވީޑިއޯއެއްނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.