ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަކީ ބޯވައެއްހެން ކުލަ ބަދަލު ކުރައްވާ ބޭފުޅެެއް ކަމަށާއި އެއްވެސް ބަޔަކަށް އިހުލާސްތެރިވާނެ ބޭފުޅެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު، މާރިޔާ މިހެން ވިދާޅުވީ، ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މާރިިޔާ ވިދާޅުވީ، ޑރ. މުއިއްޒަކީ އެއްވެސް ބަޔަކަށް ވަފާތެރިވެ ވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި މިހާރު ވެސް ކުރައްވާ މަސައްކަތަކީ ކަންކަން އޮޅުވާލެއްވުން ކަމަށެވެ.

ވޭތުވެ ދިޔަތަނުގައި މުއިއްޒު ސިޔަސީ އެތައް ޕާޓީއަކަށް ބަދަލުވެވަޑައިގެންފައި ވާކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ، 2023 ވަނަ އަހަރު ވެސް ރިޔާސީ ޓިކެޓު ލިބެން އޮތީ ޕީއެންސީ ކަމަށް ފެނިވަަޑައިގަތުމުން 24 ގަޑިއިރު ތެރޭގައި ޕާޓީ ބަދަލު ކުރައްވާފައިވާ ކަމަށެވެ.

ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުއިއްޒު ހުންނެވި ނަމަވެސް އެޕާޓީތަކުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނާ މެދު ވެސް މުއިއްޒުގެ ހިތްހަމަ ނުޖެހުން އެބައޮތް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ޕީޕީއެމް ޕީއެންސީ މެންބަރުންގެ ރުހުން ހޯއްދެވުމަށް ރައީސް އަބްދުﷲ ޔާމީން ގާނޫނީ އިމުގެ ތެރެއިން ދޫކޮށްލައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވަމުން ގެންދަވާ އިރު، ކުށް ސާބިތުވާކަމަށް ރައީސް ޔާމީންގެ މައްޗަށް ހުރިހާ ކޯޓަކުން ހުކުމް ކުރަމުންދާ ކަމަށާއި ރައީސް ޔާމީން ދޫކުރެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނޯންނާނެކަން ހުދު ރައީސް ޔާމީން ވެސް ގަބޫލުފުޅު ކުރައްވާނެ ކަމަށެވެ.

ޑރ. މުއިއްޒު ބޭނުން ވަނީ އޮޅުވާލައްވަންކަން ފާހަގަކުރައްވާ ރައްޔިތުން އެކަމަށް ސަމާލުވާން މާރިޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، ގައުމީ އިއްތިހާދު، އެމްޑީއޭއަށް އަދި ޕީޕީއެމްއަކަށް ވެސް ޑރ. މުއިއްޒުގެ ވަފާތެރިކަމެއް ނެތް ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.