ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ހާއްސަކުރެވިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށްގެންދިޔަ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފިއެވެ.
އެމްއޭސީއެލްއިން ބުނީ، އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ކެއާ ސޮސައިޓީގެ ހަތަރު ދަރިވަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތު މާހުލުގެ ތެރެއިން ތަމްރީނާއި މަސައްކަތުގެ ތަޖްރިބާ ހޯދުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.
އެމްއޭސީއެލްއާއި ކެއާ ސޮސައިޓީ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމު ކުރިއަށް ގެންދެވިފައިވަނީ މޭއި 1، 2023 އިން ޖުލައި 31، 2023 އަށް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
އެމްއޭސީއެލްއިން ބުނީ، މި ޕްރޮގްރާމުގައި، ބައިވެރިވި ދަރިވަރުންނަށް ކޮންމެ މަހަކު ހާއްސަ އެލަވަންސް ދީފައިވާއިރު އެމްއޭސީއެލްގެ އެކިއެކި ސެކްޝަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އެގޮތުން، ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތާއި، ކަސްޓަމާ ސާވިސްގެ މަސައްކަތުގެ އިތުރުން، އެހެނިހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އިންޓާންގެ ބައިވެރިންނަށް ލިބިގެން ގޮސްފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
މި ދަރިވަރުންނަށް ހާއްސަ ކޮށްފައިވާ، ސުޕަވައިޒަރުންގެ އިރުޝާދާއިއެކު، މިކުދިންނަށް މަސައްކަތުގެ މާހުލުގައި މަސައްކަތުގެ ތަޖްރިބާ ލިބިގެން ގޮސްފައިވާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ، ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ، މިއީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖްތަމައުގައި ތިބި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް، އެފަރާތްތައް ބާރުވެރިކޮށް، ދެމެހެއްޓެނިވިގޮތެއްގައި ދެވޭ އެހީތެރިކަމެއް ފޯރުކޮށްދެވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ސަބަބުން، ބައިވެރިންނަށް މަސައްކަތުގެ ތަޖްރިބާ ލިބިގެންދިއުމުގެ އިތުރުން، މިކުދިންނަށް މަސައްކަތުގެ މާހައުލަށް ނިކުތުމަށް އެޅުނު ބިންގަލަކަށް ވެގެންދާނެކަމަށް އަރީފް ވިދާޅުވިއެވެ.
ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކުރުމަށް މިއަދު އެއަޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އިންޓާންޝިޕްގެ ބައިވެރިންނަށް، އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓާ އަދި ސީއީއޯ މަހްޖޫބް ޝުޖާއު އިންޓާންޝިޕް ޕްރޮގްރާމް ނިންމާލިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފާއިތުވި އަހަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިއަހަރުގެ ތެރޭގައި މުޖުތަމައުގެ ލާބައާއި ދެމެހެއްޓެނިވި ތަރައްގީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.