ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު އަދި އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފްއަށް އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުން "ވިޔަފާރި ޑީލް"އެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ކެމްޕެއިން ދަތުރުގައި މިއަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން މި މޭރުމުން ނަޝީދު ވާހަކަދައްކަވާފައި ވަނީ މެންބަރު ޔާސިރު، މޭޔަރު އާތިފް، ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު، ކައުންސިލަރު ރިލްވާނު މުހައްމަދު، އަހުމަދު އަބުދުﷲ އަދި އައިމިނަތު މަޖީދާ އެމްޑީޕީއިން ވަކިވެވަޑައިގެން ޑިމޮކްރެޓްސްއާ ގުޅުމަށްފަހު އަލުން އަނބުރާ އެމްޑީޕީއަށް ސޮއިކުރައްވާފައިވުމާ ގުޅިގެންނެވެ.
ނަޝީދު ވިދާޅުވީ ޒުވާން ކުދިންނަށް ފުރުސަތުތަށްދީ އެ ކުދިން ސިޔާސީ މަސައްކަތަށް ނެރުމަށް އިންތިހާއަށް މަސަައްކަތް ކުރައްވާ ކަމަށެވެ. އަދި މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މަޖިލީހަށްފަހުގައި ކުޅުދުއްފުށީ 2 ކުދިންނާއެކީ މަސައްކަތް ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެން ކަމަށެވެ.
އެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކީ މަޖިލީހުގެ ދާއިމީ ކޮމިޓީގެ މުގައްރިރަކަށް ހެއްދެވި ކަމަށާއި މަޖިލީހުން ލިބެން ހުރި ހުރިހާ ފުރުސަތެއް އަންގަވަމުން ގެންދެވި ކަމަށް ނަޝީދު ވިދާޅުވިއެވެ. އޭގެއިތުރަށް ލިބޭ ހުސްވަގުތާ ވީހާވެސް ގިނައިން މަޝްވަރާކޮށް ވާހަކަ ދައްކާ ހަދަމުން ގެންދެވިކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ. ނަމަވެސް ވަގުތީ ފައިދާގެ ދަޅައިގައި ޒުވާން އުމުރުގައި ބައެއް ބޭފުޅުން ޖެހޭ ކަމަށާއި އެއީ ހިތާމަ ހުރި ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެއްވެސް ރައްޔިތަކު އެ މީހުން ބަޔަކަށްދޭ ތާއީދު އެއީ ވިޔަފާރީގެ މުއާމަލާތެއްގެ ގޮތުގައި ހަދާކަށް ނޭދޭނެ ކަމާއި އޭގެން ތިން ހަތަރު މީހަކަށް އެތައް މިލިއަން ރުފިޔާ ލިބޭނޭ ގޮތަކަށް ކަންކަންވެގެން ދާކަށް ރައްޔިތުން ނޭދޭނެކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ލިބޭ އެއްޗެއް ލިބޭން ޖެހޭނީ ހުރިޔާ ރައްޔިތުންނަށް ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންގެ ޒަމީރު މިހާ އަވަހަށް ގުޑައިދާނެ ކަމަކަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކުޅުދުއްފުށީ ރައްޔިތުންގެ ތަރައްގީގެ ތަސައްވުރެއް އޮންނާނެ ކަމަށާއި ރައްޔިތުން މަސައްކަތް ކުރަމުން ދަނީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކަމަށެވެ.
ޑިމޮކްރެޓްސް އަށް ގެންދިޔަ ގޮތަށް ދޯ. އަދިކިރިޔާ މި އެނގުނީ.