ރަޝިއާ ހުރަސް ކޮށް، ކްރިމިއާ އަށް އަޅާފައި އޮތް ދިގު ބުރިޖަށް ޔޫކްރައިން އިން ހަމަލާ ދިން ވާހަކަ ރަޝިއާއިން މީގެ ކުރިން ދޮގު ކޮށްފައި ވަނިކޮށް، ބްރިޖަށް ހަމަލާ ދޭ މަންޒަރު ޔޫކްރައިނުން އާންމުކޮށްފިއެވެ.

ޔޫކްރައިން އިން އަލަށް އުފެއްދި ސީ ޑްރޯން ބޭނުން ކޮށްގެން އެ ބްރިޖަށް ހަމަލާ ދޭ މަންޒަރު އާންމު ކޮށް ޔޫކްރައިނުން ބުނީ، އެއީ ރަޝިއާ ބުނާ ސްމޯކް ސްކްރީން ނޫން ކަމަށާއި، އަދިވެސް ހަމަލާ ދޭނެ ކަމަށެވެ.

އާންމު ކުރި ފްޓޭޖުން ފެންނަނީ، ދުޝްމަނުންގެ އަމާޒުތަކަށް އޮޅުވާލުމަށް ބްރިޖުގެ އެކި ހިސާބުތަކުން ސްމޯކް ސްކްރީން އަރުވާފައި ވަނިކޮށް ޑްރޯން ދުއްވާފައި ގޮސް ބްރިޖުގެ ތަނބަކާ ދިމާއިން ދަށަށް ވަދެ ގޮއްވާލާތަނެވެ.

މިއީ ކްރިމިއާ ބްރިޖަށް ހަމަލާ ދިނުމަށް ފަހު އެކަން ކުރީ ޔޫކްރައިން އިން ކަމަށް ބުނެ ޒިންމާ އުފުލާ ވީޑިއޯ އާންމު ކުރި ފުރަތަމަ ފަހަރެވެ.

ހުސްވި ޖުލައި 17 ގައި ދީފައިވާ މި ހަމަލާފައި ބްރިޖުގެ މަގާ ގުޅޭ ދިމާ ހަލާކު ވެފައި ވާ އިރު ރަޝިއާ އިން ބުނީ އެ ހަމަލާގައި އާންމުންގެ 2 މީހަކު މަރުވެފައި ވާ ކަމަށެވެ.

ރަޝިއާގެ އަސްކަރީ ހަރަކާތްތައް ކްރިމިއާ އަށް ފުޅާ ކުރުމާއި ދަތުރު ފަތުރު ކުރެވެން އޮންނަ ހަމައެކަނި އެއްގަމު މަގު [ބްރިޖް] އަށް ހަމަލާ ދިން މިއީ ދެވަނަ ފަހަރެވެ. ޔޫކްރައިން އިން ބުނެފައި ވަނީ، މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ހަމަލާތައް ބްރިޖަށް އަމާޒުކޮށް ދޭނެ ކަމަށެވެ.

ކްރިމިއާ އަކީ 2014 ވަނަ އަހަރު ރަޝިއާ އިން ހިފާ އަތްދަށުލާފައި ވާ ޔޫކްރައިންގެ ސިޓީއެކެވެ.

މި ހަމަލާއަށް ފަހު ޔޫކްރައިންގެ އޮފިޝަލުން ބުނީ، އެއީ ހަނގުރާމަ ފެށިފަހުން ޔޫކްރައިން އިން ޑިޒައިން ކޮށް އުފެއްދި 'ސީ ބޭބީ' އެއް ކަމަށާއި މި ޑްރޯން ބޭނުން ކޮށްގެން ކްރިމިއާ ބްރިޖުގެ އިތުރުން ރަޝިއާގެ ބޮޑު އަސްކަރީ މަނަވަރު އޮލެންގޮރޮސްކީ ގޮރިނިޔަކް އާއި އެސްއައިޖީ ތެޔޮ ޓޭންކަރަށް ވެސް ހަމަލާ ދީފައި ވާ ކަމަށެވެ.

ކަޅު ކަނޑުގައި ދުވާ އެންމެ ދުވެލި ބާރު އުޅަނދުގެ ގޮތުގައި މިވަގުތު އޮތް ޑްރޯން އަކީ، ތިރިތިރި ކޮށް ކަޅުކުލައިގައި ވޭލަރު ބައްޓަމަށް އޮންނަ ޑްރޯނެކެވެ. ގޮވާތަކެތި އަޅާ، އަދި މިސައިލްވެސް ހަރުކުރެވޭ ގޮތަށް ފަރުވާ ކޮށްފައި ވާ މި ޑްރޯން ދުއްވާފައި ދާއިރު ރާޑަރުތަކަށް ނުވަތަ ދިފާއީ ނިޒާމުތަކަށް ދެނެގަންނަށް ފަސޭހައެއް ނުވެއެވެ. އެހެން ކަމުން އޭގެ ބާރު ދުވެލީގައި ދާގޮތަށް ގޮސް އަމާޒުގައި ޖައްސާ ގޮއްވާލައެވެ. ބައެއް ފަހަރު އަމާޒާ ތަންކޮޅެއް ދުރުގައި އޮވެ މިސައިލް ހަމަލާވެސް ފޮނުވާލައެވެ. ކައްޕިއަކު ނުހުންނަ، ޖޯއީ ސްޓިކުން ވަޔަލެސްކޮށް އޮޕަރެޓް ކުރާ މި ޑްރޯންގެ ނުރައްކާ ރަޝިއާގެ އޮފިޝަލުންނަށް ބޮޑުވެފައި ވާ އިރު، ހަމަލާއިން ދިފާއު ވުމަށް ތަފާތު އެކި އުކުޅުތައް ކުރިއަށް ނެރެމުންވެސް ދެއެވެ. އެގޮތުން ސްމޯކް ސްކްރީން އެރުވުމާއި، ކުރިން ފާހަގަ ކުރެވިއްޖެ ނަމަ، ހަމަލާ ދިނުން ފަދަ ކަންކަން ކުރެއެވެ.

ޔޫކްރައިން އިން އާންމު ކުރި ކްރިމިއާ ބްރިޖްގެ ވީޑިއޯއިން ފެންނަ ޑްރޯން ބްރިޖު ދަށަށް ވަދެ ގޮއްވާލި އިރު އޭގައި 850 ކިލޯގެ ގޮވާތަކެތި ހުންނާނެ ކަމަށް ވެސް އެގައުމުގެ ސީކްރެޓް ސާވިސް އިން ވަނީ ބުނެފައެވެ.

ޔޫކްރައިން އިން ބުނީ، އެ ހަމަލާގެ ގާތްގަނޑަކަށް 5 ވަރަކަށް މިނެޓް ފަހުން ބްރިޖްގެ އަނެއް ފަރާތުން އެހެން ޑްރޯނަކުން ހަމަލާ ދިން ކަމަށާއި އެ ހަމަލާ އަމާޒު ކުރީ ރެއިލް ދުއްވާ ފަޅިއަށް ކަމަށެވެ.