އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލުހުކުމާއެކު ހިމެނޭ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރެއް މިއަދު ހައި ކޯޓުން ނެރެފިއެވެ.
އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ އަމުރަކަށް އެމަނިކުފާނު އެދިވަޑައިގެން ކަމުގައި ވިޔަސް މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން 11 އަހަރުގެ ޖަލު އަދަބު ފަސްކުރަން އަމުރު ކުރެވެން ނެތް ކަމަށް ވަނީ ނިންމާފައެވެ.
ސަބަބެއްގެ ގޮތުގައި އެ އަމުރުގައި ފާހަގަ ކޮށްފައި ވަނީ މީގެ ކުރިން ޖިނާއީ މައްސަލަތަކުގައި ކޮށްފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރު ނެރެފައި ވީނަމަވެސް ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ، ރައީސް ޔާމީން މައްސަލައިގެ އަލީގައި ޖިނާއީ މައްސަލަތަކުގައި ދަށު މަރުހަލާގެ ކޯޓަކުން މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ނުކުރެވޭނެ ކަމީ މިހާރު އިސްތިގުރާރު ވެފައިވާ ހަމައެއް ކަމަށް ވާތީ ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ހުކުމްގައި ހިމެނޭ ޖޫރިމަނާ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ދަށު ކޯޓްގެ ހުކުމްގައި ވެއެވެ.
އެ މުއްދަތު މިދިޔަ ޖޫން މަހަށް ހަމަވެފައި ވާއިރު ޔާމީން އެފައިސާ ދައްކަވާފައެއް ނުވެއެވެ. އަދި އެ ފައިސާ ދައްކަން މީރާއިން މިހާތަނަށް އަންގާފައިނުވާ ކަމަށް ވެސް ޔާމީން މީގެކުރިން ވަނީ ވިދާޅުވެފައެވެ.
މިއަދު އަމުރު ނެރެފައި ވަނީ އެ ފައިސާ ނުދައްކާ އޮތުމުން އެ ފައިސާ ހޯދަން ބަންޑާރަ ނައިބު އޮފީހުން ސިވިލް ކޯޓަށް މިހާރު ހުށަހަޅާފައި ވަނިކޮށެވެ. އެގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ހުކުމްގެ މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީ އާއި މީރާއިން އެ ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވުމުން ވެސް އެކަން ކޮށްފައި ނުވާތީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބަށް ރައީސް ޔާމީން ހުށަހެޅުއްވި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމާ ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ސާބިތު ދަރަންޏަކީ އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ބައެއް ކަމަށާއި މުޅި ހުކުމް އޮތީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ކަމަށެވެ. އަދި ދަރަންޏެއް ދެއްކުމަށް މުއްދަތު ހަމަވާ ތާރީހާއެކު މީރާ އިން ވަކީލުންނަށް އަންގަންޖެހޭ ކަމަށާއި ނަމަވެސް މިހާތަނަށް އެފަދަ އެންގުމެއް އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން ދަރަނި ދެއްކުމަށް އަދިވެސް މުއްދަތު އެބައޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް ޔާމީން އޭރު ވިދާޅުވިއެވެ.
އެހެން ނަމަވެސް މި މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ވަނީ ފައިސާ ނުދައްކައިގެން އެކަމުގެ ލިޔުން ރައީސް ޔާމީންނަށް މީރާއިން ފޮނުވާފަައި ވާކަން ރެކޯޑްތަކުން ފެންނަ ކަމަށެވެ. އަދި އެ ލިޔުން އެމަނިކުފާނުގެ ވަކީލުންނަށް ދެއްވުމަށް އެދިވަޑައިގެން ޔާމީން ސޮއިކުރައްވައި ޕިންގާ ފްރިންޓް ޖައްސަވާފައި ވާކަން ކަރެކްޝަންސްގެ ލިޔުންތަކުން އެނގޭކަން ވެސް ސުޕްރީމްކޯޓުގެ ހުކުމުގައި ވެެއެވެ.