އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ހަބަރުތައް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެނެސްދިނުމުގެ ފުރުސަތު ލިބިދޭ "އައި ރިޕޯޓާ" އަކަށް ވުމަށް "ދަ ޕްރެސް" އިން ހުޅުވާލައިފިއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ހަބަރާއި ފޮަޓޯ އަދި ވީޑިއޯ ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު މިއީ އިންތިހާބުގެ ކަވަރޭޖް ތާޒާކޮށް ކިޔުންތެރިންނާ ހަަމައަށް ގެނެސްދިނުމުގެ ބޭނުމުގައި ހުޅުވާލި ފުރުސަތެއް ކަމަށް "ދަ ޕްރެސް" އިން ބުނެއެވެ.

އައި ރިޕޯޓަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އިންތިހާބު ކުރިއަށްދާ ވަގުތު ހިނގާ ކަންކަމުގެ އިތުރުން އިންތިހާބުގެ ނަތީޖާ ވީހާ ވެސް އަވަހަކަށް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ. އަދި އިންތިހާބު ތެރޭގައި އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމުގެ ފޮޓޯ އާއި ވީޑިއޯ ވަގުތުން ހިއްސާ ކުރުންވެސް ހިމެނެއެވެ.

އައިރިޕޯޓަރަކަށް ވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި އެއަށްފަހު ކުރިއަށްދާންވީ ގޮތުގެ އިރުޝާދު "ދަ ޕްރެސް" އިން ހިއްސާ ކުރާނެއެވެ.

އައި ރިޕޯޓާސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދުވަހުގެ އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ދިނުމަށް ނިންމާފައި ވާއިރު ރިޔާސީ އިންތިހާބު ދެ ވަނަ ދައުރަކަށް ދާ ނަމަ އެ ދުވަހަށްވެސް 500 ރުފިޔާގެ އެލަވަންސް އެއް ދިނުމަށް ވަނީ ނިންމާފައެވެ.

އައި ރިޕޯޓާސްއާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން "ދަ ޕްރެސް"ގެ ފޯން ނަންބަރު 7790202 ނުވަތަ އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފު ކުރެވޭނެއެވެ.