ހދ. ހަނިމާދޫ އެއާޕޯޓް މަޝްރޫއަކީ ފައިދާ ވާ ގޮތަށް ކުރިއަށް ގެންދެވިއްޖެ ނަމަ ވަރަށް ރަނގަޅު މަޝްރޫއެއް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ހދ. ހަނިމާދުއަށް ވަޑައިގެން އެރަށުގެ ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުންނާ ބައްދަލުކުރައި މުއިއްޒު ވިދާޅުވީ ޕީޕީއެމް އަކީ ތަރައްގީއަށް ލޯބި ކުރާ ތަރައްގީ ގެންނަން ބޭނުންވާ ބައެއް ކަމަށެވެ. ރައީސް ޔާމީންގެ ދައުރުގައިވެސް އެކަން ފެނިގެން ގޮސްފައިވާކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމެއްގައި މިހާރު ހިނގަމުންދާ އެއްވެސް މަޝްރޫއެއް ނުހުއްޓުވާނެ ކަމަށެވެ. އަދި އެއީ ތަރައްގީގެ ފިކުރުގެ ބަޔަކު ކުރާނެ ކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ކުރަމުން ގެންދާ މަސައްކަތަކީ ރަނގަޅަށް ކުރިއަށް ގެންދެވިއްޖެނަމަ ރަށަށް ވަރަށް ފައިދާ ވާނެ މަޝްރޫއެއް ކަމަށެވެ. މިހާރު މި ހިންގާ ގޮތަށް ވުރެ ރަނގަޅަށް އެ މަޝްރޫއު ކުރިއަށް ގެންދެވޭނެކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދާ އިރު މަޝްރޫއަށް ބޭނުންވާ ތަކެތި އެ ރަށުން ލިބެން ހުންނަ ނަމަ އެ ތަކެތި ބޭނުން ކުރެވިދާނެ ކަމަށެވެ. އަދި އެ މަޝްރޫއަށް އެ ރަށުގެ ޒުވާނުންނަށް ވަޒީފާ ދެވޭ މިންވަރު ކަނޑައެޅިއްޖެނަމަ ފައިދާ ވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޔާމީން ސަލާމަތް ކުރައްވާނެ ކަމުގެ ވައުދު ތަކުރާރު ކުރައްވަމުން މުއްއިޒު ވިދާޅުވީ މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތަކުން ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތުގައި ކާމިޔާބާ ހަމައަށް ނުދެވުނު ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ރައީސް ޔާމީން މިނިވަން ކުރުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.